"ޗައިނީސް ބިޒުނަސް ބޯއިކޮޓް" ކުރުމަށް ގޮވާލައި މެލޭޝިޔާގެ މިނިސްޓަރަކު ފޭސް ބުކްގައި ކޮމެންޓެއް ކުރެއްވުމަށް ފަހު އެ ކޮމެންޓް ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، މައާފަށް އެދިވަޑައިގެންފި އެވެ.

އެ ކޮމެޓް ފޭސް ބުކްގައި ކުރެއްވިތާ 12 ދުވަސް ފަހުން މިއަދު ކުރެއްވި ޓުވީޓެއްގައި އެގްރިކަލްޗާ އެންޑް އެގްރޯ ބޭސްޑް އިންޑަސްޓްރީ މިނިސްޓަރު ސެރީ އިސްމާއީލް ސާބިރު ޔައުގޫބު ވިދާޅުވީ އޭނާ ފޭސް ބުކްގައި ކުރެއްވި ކޮމެންޓް ވައިރަސްއެއް ހެން ފެތުރުނު ކަމަށާއި އަދި އެއީ ރޭސިސްޓް ކޮމެންޓެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމާ ދޭތެރޭ ހިތާމަ ކުރައްވާ ކަމަށެވެ.

އިސްމާއީލް ސޯބިރު ވިދާޅުވީ އޭނާ އެ ކޮމެންޓް ކުރެއްވީ ޓެންޝަން ބޮޑުކޮށް، ރޭސިސްޓް ކޮމެންޓެއް ކުރެއްވުމުގެ ގޮތުން ނޫން ކަމަށާއި އޭނާގެ ނިޔަތަކީ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ދަށަށް ގެންދިއުމަށް ވިޔަފާރިވެރިން ފަސްޖެހޭތީ، އެކަމަށް ބާރު އެޅުއްވުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑުވަޒީރު ދާތޯކް ސެރީ ނަޖީބު ތުން ރައްޒާގު ރިޔާސަތުގައި އިންނަވައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އެ މައްސަލައާ ބެހޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކުރެއްވި ކަމަށާއި ބޮޑުވަޒީރު ބޭނުންފުޅުވަނީ ހުރިހާ ޕާޓީތަކުން ވެސް ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތަށް އިސްކަން ދިނުން ކަމަށެވެ. އަދި ކެބިނެޓުން ނިންމީ ވަގުތުން އެ މައްސަލަ ނިމުމަކަށް ގެނައުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ޕާޓީތަކުން ވެސް ކާބޯތަކެތީގެ އަގުތައް ތިރި ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.