ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެެމްއެންޑީއެފް) ގެ ސެކިއުރިޓީއަށް އެދިވަޑައިގެންފި އެވެ.

ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑު މުސާ އަލީ ޖަލީލަށް އެޑްރެސްކޮށް ރިޔާޒު މިހަފްތާގެ އާދިއްތަ ދުވަހު ފޮނުއްވި ސިޓީފުޅުގައި ވަނީ އޭނާގެ އެޕާޓްމަންޓަށް ނުވަތަ އޮފީހަށް "ވަގަށް" މަސްތުވާތަކެތި ވެއްދުމަށްފަހު ޖިނާއީ ކުށެއްގައި ބެއްދުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިކަން މިހެން ހިގާފައި ވަނިކޮށް އަޅުގަނޑު ފަހަތުން ދާހާތަނަކަށް ދެ ސައިކަލެއްގައި ދެ މީހަކު ފާރަލަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ،" ރިޔާޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.

އަބްދުﷲ ރިޔާޒު ފޮނުއްވި ސިޓީފުޅުގައި އޭނާގެ ސައިކަލުގައި ބަޔަކު މީހުން ރޯކޮށްލައި އަދި އޭނާ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަވެސް ފާހަގަކުރައްވާފައި ވެއެވެ.

"މީގެއިތުރުން މިހާރުގެ ސިޔާސީ މަސްރަހު ހުރިގޮތުން އަޅުގަނޑުގެ ފުރާނަދުއްވާލުމަށް ބަޔަކު މަސައްކަތް ކޮށްފާނެކަމުގެ ބިރުހީވާތީވެ އަޅުގަނޑަށް ސެކިއުރިޓީ ބޭނުންވާ ވާހަކަ ދެންނެވީމެވެ." ރިޔާޒު ފޮނުއްވި ސިޓީފުޅުގައިވެ އެވެ.

ރިޔާޒު ވަނީ އޭނާއާއި އޭނާ ދިރިއުޅުއްވާ ތަނުގައި 24 ގަޑިއިރު ސެކިއުރިޓީން ތިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އެދި ދަންނަވާފައެވެ.

ޑިފެންސް މިނިސްޓަރު ޖަލީލަށް ސިޓީފުޅެއް ރިޔާޒު ފޮނުއްވާފައިވާއިރު މާބޮޑު ބަދަލުތަކެއް ނުގެނެސް ހަމަ އެ ސިޓީފުޅު ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް ފޮނުއްވާފައެވެ.

ހޯމް މިނިސްޓަރަށް ފޮނުއްވި ސިޓީފުޅުގައި ރިޔާޒު ދިރިއުޅޭ ތަންތަނަށް މަސްތުވާތަކެތި ވަށްދަން އުޅޭ ކަމަށް މައުލޫމާތު ލިބެމުންދާތީ އެކަން ހޯމް މިނިސްޓަރަށް "އެސްއެމްއެސް" އަކުން އަންގަވާފައި ވާނޭކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި ރިޔާޒަށް ފާރަލަމުންދާ މީހުންގެ ފޮޓޯ ވެސް ސިޓީއާއެކު ފޮނުއްވާފައިވާނެ ކަމަށް ރިޔާޒު ވިދާޅުވެފައި ވެއެވެ.

ރިޔާޒު ވިދާޅުވީ، އޭނާގެ ސައިކަލުގައި ރޯކޮށްލި މައްސަލައާ އަދި އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައިވާނަމަ އެމައުލޫމާތު ހާމަކޮށްދިނުމަށް އެދިވަޑައިގަންވާ ކަމަށެވެ.