އުމުރަށް ބޭސްކުރަންޖެހޭ ބައްޔެއް ކަމަށްވާ "ގައުޗާ ޑިޒީޒް" ޖެހިފައިވާކަން ފާހަގަކުރެވުނު ފުރަތަމަ ދިވެހި ކުއްޖާއަށް އެންސްޕާ މެދުވެރިކޮށް ޒަކާތު ފަންޑުގެ އެހީގައި ފަރުވާދޭން ފަށައިފި އެވެ.

ހަށިގަނޑަށް ބޭނުންވާ ވަކި ބާވަތެއްގެ އެންޒައިމް ހުންނަންވާ މިންވަރަށްވުރެ މަދުވެ އެ އެންޒައިމް ހަށިގަނޑުގައި އުފެދުން ހުއްޓުމުން ޖެހޭ، ގައުޗާ ޑިޒީޒްގެ ސަބަބުން ހަށިގަނޑު ބޮޑުވަމުންދާއިރު ސަރުބީގެ މާއްދާ ހަށިގަނޑުގައި ޖަމާވަމުންދާ ގޮތް މެދުވެރިވެ އެވެ.

އެންސްޕާއިން ބުނީ، ގައުޗާ ޑިޒީޒް ޓައިޕް 1 ޖެހިގެން ޑައިގްނޯޒް ކުރެވިފައިވަނީ، އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ކަމަށެވެ. އަދި އެ ކުއްޖާއަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއަކީ ހަޑިގަނޑުގައި މަދުވާ އެންޒައިމް، އިންޖެކްޝަން ގޮތުގައި މަހަކު ދެފަހަރު ޖަހައި ދިނުން ނުވަތަ އެންޒައިމް ރިޕްލޭސްމަންޓް ތެރަޕީ ދިނުން ކަމަށް އެ ފަރާތުން ބުންޏެވެ.

އެ ބައްޔަށް ބޭނުންކުރާ އިންޖެކްޝަން އުފައްދަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "ޖެންޒައިމް" އިންނެވެ. އޭގެ އެންމެ އިންޖެކްޝަން ވައިލެއްގެ އަގަކީ 25،443 ރުފިޔާ އެވެ.

އެންސްޕާއިން ބުނީ، ބަލި ޖެހިފައިވާ ދިވެހި ކުއްޖާއަށް އެންޒައިމް ރިޕްލޭސްމަންޓް ތެރަޕީގެ ފުރަތަމަ ޑޯޒް، އައިޖީއެމްއެޗުން އިއްޔެ ދީފައިވާއިރު، ކުއްޖާގެ ހާލުވެސް ރަނގަޅެވެ.

އެކުއްޖާއަށް ފަރުވާދޭން ފަށާފައިވަނީ އެބައްޔަށް ބޭނުންކުރާ އިންޖެކްޝަން އުފައްދާ ޖެންޒައިމް ކުންފުނީގެ މެޑިކަލް ޑިރެކްޓަރު ޑރ. ރަވިންޑާ މައްކާރާއި އެސޯސިއޭޝަން ޑިރެކްޓަރު ހިމާންޝޫ ބަންސާލްގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގެ ޕިޑިއަޓްރިކްސް ޑިޕާންޓްމަންޓުގެ ޑޮކްޓަރެކެވެ.

އެންސްޕާއިން ބުނީ، އެ އިންޖެކްޝަން ދޭނެ މިންވަރު ކަނޑައަޅާނީ ކުއްޖާގެ ބަރުދަން ބަލައިގެން ކަމަށްވާއިރު، ހަޑިގަނޑު ބޮޑުވަމުން އަންނަވަރަކަށް ދޭންޖެހޭ އެންޒައިމުގެ މިންވަރު އިތުރުކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ފަރުވާ އަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް އެފަރާތުން ބުނެއެވެ.

އެކުއްޖާގެ ފަރުވާއަށް އެންސްޕާއިން ބޮޑު ހޭދައެއްކުރަންޖެހޭއިރު، ޗެރިޓީ އޯގަނައިޒޭޝަންތަކުން ވެސް އެ ކުއްޖާއަށް އެހީތެރިވެދިނުމަށް އެންސްޕާއިން އެދެއެވެ. އަދި ދުނިޔޭގައި އެބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުންދަނީ ވެސް ހެޔޮ އެދޭ އެކިއެކި ފަރާތްތަކުން ކަމަށް އެ އެޖެންސީ ބުނެއެވެ.

މަދުން ނޫނީ ނުފެންނަ ގައުޗާ ޑިޒީޒް ދުނިޔޭގައި ޖެހޭކަމަށް މިހާތަނަށް ރިޕޯޓްކުރެވިފައިވަނީ ކޮންމެ 40،000 އާއި 60،000 ދެމެދުގެ މީހުންގެ ތެރެއިން އެކަކަށެވެ. އެއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 10،000 މީހުންނެވެ.