12 Feb 2015, 21:21
ބަދަން ސާވް ކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކޮރެއަން އެއާލައިން ފުރުން ލަސްކުރަން ޖެހުނު މައްސަލައާ ގުޅިގެން އެ އާލައިންގެ ކުރީގެ ވައިސް ޕްރެސިޑެންޓް އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ސޯލްގެ ޑިސްޓްރިކް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ޗައު ހުއުން އަމަލުކޮށްފައި ވަނީ އޭނާގެ އަމިއްލަ ޕްރައިވެޓް އެއާލައިންގައި ކަން ކުރާ ގޮތަށް ކަމަށެވެ.
ކޮރެއާގެ ނޫސްތަކުން މިއަދު ބުނީ ކޮރެއަން އެއާލައިންގެ ޗެއާމަންގެ ދަރިކަނބަލުން ޗައު ހުއުން އެއް އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމް ކުރުމުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ނިއުޔޯކުން ފުރައިންގެ ޑިސެމްބަރު މަހު ކުރީ ކޮޅު ސޯލަށް ދަތުރުކުރި ބޯޓް ޑިޕާޗާ ގޭޓާ އަލުން ކައިރިކޮށް، ޗީފް ސްޓާވަޑް ޕާކް ޗެން ޖިން ބޭލީ ބޯޓު 55 ފޫޓު ދުރަށް ގެންދިޔަ ފަހުންނެވެ.
ޗައުގެ އަމުރަށް އޭނާ ބޯޓުން ބޭލީ ފަސްޓް ކްލާސް ފަސިންޖަރުންނަށް ބަދަން ސާވު ކުރަން ޖެހޭނީ ތަށީގައި ކަމަށް އެއާލައިންގެ ގަވާައިދުގައި އޮތް ނަމަވެސް ބަދަން ޕެކެޓް ސާވު ކުރި މައްސަލައިގަ އެވެ.
ޗައު ހުރީ ޑިސެމްބަރު 30 އިން ފެށިގެން ހައްޔަރުކޮށްފަ އެވެ.
ކޮރެއާގެ އެންމެ މުއްސަނދި އާއިލާގެ ޗައު މިއަދު ވެސް ވަނީ އޭނާގެ ކުށަށް މައާފަށް އެދުފަ އެވެ.
ކުރީ ދުވަހުގެ އަޑުއެހުމުގައި، މެނޫ ހޫރާލައި އަދި ފްލައިޓް އެޓެންޑެންޓަކާ ދިމާލަށް އިނގިލި ދިއްކޮށް ހަމަނުޖެހުން ހިންގި ކަމަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. އެކަމަކު ބޯޓުގެ ޗީފް ސްޓާވަޑް ޕާކް އާ ދެމެދު ގަޔަށް އަތްލައި ހަމަނުޖެހުން ހިންގި ކަމަކަށް އޭނާ އެއްބަހެއް ނުވެ އެވެ. ނަމަވެސް އެ ހަމަނުޖެހުމުގައި ޗައު އެންމެ ފަހުން ނިންމީ ބޯޓު ގޭޓާ ކައިރިކޮށް، ޕާކް ބޭލުމަށެވެ. ބޯޓަށް ސޯލަށް އާދެވުނީ، ޝެޑިއުލް އަށް ވުރެ 11 މިނިޓް ފަހުންނެވެ.