ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހަރު ޖަލަށް ލާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށާއި ޖަލަށް ލައިފިއްޔާ އިންޑިއާ ސަރުކާރުން އެމަނިކުފާނު އެގައުމަށް ގެންދަވަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ.

އިންޑިއާ ޓްޑޭ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އުމުރުފުޅުގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވީ ޖަލުގައި ކަމަށާއި ދެން އިތުރު ދުވަސްތައް ޖަލުގައި ހޭދަކުރައްވަން އެދިވަޑައިނުގަންނަވާ ކަމަށެވެ.

"... އަޅުގަނޑު އިންޑިއާ މީހުންނަށް އާދޭސް ކުރަން. އޭގެ ތެރޭގައި ގިނަ އެކުވެރިންތަކެއް ވެސް ހިމެނޭ ގޮތުން. އަޅުގަނޑު އަލުން ޖަލަށް ލިޔަ ނުދޭށޭ. އިންޑިއާގައި އަދި ތިޔަބޭފުޅުންގެ ސަރުކާރުގައި އެބަވޭ އަޅުގަނޑުގެ ރަނގަޅު ގިނަ އެކުވެރިންތަކެއް. އަދި ކަންތައްތައް ވަމުން ދާގޮތް ކައިރިން ބަލަން ބޭނުންވާނެ. އަޅުގަނޑު ޖަލަށް ލައިފި ނަމަ އައިސް އަޅުގަނޑު ގެންދޭ. ބެންގަލޫރުގައި އަޅުގަނޑު އުޅޭ ހިތްވޭ،" ނަޝީދު ވިދާޅުވެފައި ވެއެވެ.

އިންޓަވިއުގައި އެމަނިކުފާނު ތުހުމަތުކުރައްވާފައިވާ ގޮތުގައި ސަރުކާރުން އުޅެނީ ހައްޔަރުކުރަން ބޭނުންވާ މީހުންގެ ލިސްޓެއް ހަދައިގެންނެވެ. އަދި ކޯޓުން އެމަނިކުފާނު ޖަލަށް ލުމަށް ހުކުމް ނުކުރި ނަމަވެސް ކޮންމެވެސް ގޮތަކުން ޖަލަށް ލާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ތުހުމަތުތަކާ ގުޅިގެން އިންޑިއާ ޓުޑޭއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވެފައި ވަނީ، އެއްވެސް އިންތިހާބެއްގައި ވާދަކުރައްވާން އުޅުއްވާ ސިޔާސީ ލީޑަރަކު ހައްޔަރުކޮށް ޖަލަށްލުމުގެ ވިސްނުން ފުޅެއް ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށެވެ.

ސިޔާސީ ކަންތައްތަކުގެތެރޭގައި ހޭބޯނާރައި އުޅުމަށްވުރެ ބޮޑަށް ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ، ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ކަމަށާއި، އެގޮތުން އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ، ރާއްޖޭގައި އިންވެސްޓް ކުރާނޭ ފަރާތްތަށް ހޯއްދެވުންފަދަ އިގްތިސާދާ ގުޅުންހުރި މަސައްކަތްޕުޅުތައް ކަމަށްވެސް ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.