އެސްޓީއޯ ސިންގަޕޫރުން ބައިނަލްއަގުވާމީ ވިޔަފާރީގެ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ވިޔަފާރިތަކެއް ކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ކުރީގެ ސަރުކާރުގެ އެންމެ މަތީ ފަޑީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންގެ ދައުރެއް އޭގައި އޮވެގެން ކަމަށް، އެސްޓީއޯ ސިންގަޕޫރާ ގުޅޭ ގޮތުން ގުރާންޑް ތޯޓަން އާ ހަވާލުކޮށްގެން މިހާރު ކުރާ ތަހުގީގުތަކުން ފާހަގަވެފައިވާ ކަމަށް، ރައީސުޖުމްހޫރިއްޔާ މުހަންމަދު ނަޝީދު 2008 ވަނަ އަހަރު އުފެއްދެއްވި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިޔާގެ ވީކް މަޖައްލާގައި ޝާއިއު ކުރާ، ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ތެލުގެ ވަގު ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހުރި ބައެއް ކަންކަމާ ގުޅޭ ގޮތުން، ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ބަޔާނުގައި ބުނަނީ ސިންގަޕޫރުގައި ހުންނަ ކުންފުންޏަކުން ތެލުގެ ވިޔަފާރިއާ ގުޅޭ ތަހުގީގުތަކެއް މިދިޔަ އަހަރު ފަށާފައިވާ ކަމަށާއި އެ ތަހުގީގުތަކުގައި ބައިނަލްއަގުވާމީ އޯޑިޓް ކުންފުނިތަކާއި އިންވެސްޓިގޭޓިވް ފަރާތްތައް މެދުވެރިކޮށް ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ "ގްރާންޑް ތޯޓަން އަކީ އެސްޓީއޯ ސިންގަޕޫރާ ބެހޭ ގޮތުން ކުރެވޭ ތަހުގީގުތަކުގައި ހަރަކާތްތެރިވާ ފޮރެންސިކް އެކައުންޓެންސީ ފާމެއް" ކަމަށެވެ. އަދި ބުނަނީ "މިހާތަނަށް ކުރެވުނު ތަހުގީގުތަކަށް ބަލާއިރު ކުރީގެ ސަރުކާރުގެ އެންމެ މަތީ ފަޑީގައި ތިއްބެވި ބައެއް ބޭފުޅުންގެ ދައުރު އެ ވިޔަފާރީގެ ތެރޭގައިވާ ކަން ފާހަގަ ކުރެވިފައި"ވާ ކަމަށެވެ.

ދަ ވީކް މަޖައްލާގައި ރިޕޯޓަރު ސުމަން ޗަކްރަބަނީ ލިޔުއްވާފައި ވަނީ މައުމޫނާ ގުޅުން ހުރި ވަގު މުދަލާއި ވިޔަފާރިއާ ބެހޭ ކަންކަން ބެލުމަށް ގްރާންޓް ތޯޓަން ނަމަކަށް ކިޔާ ބަޔަކާ ދިވެހި ސަރުކާރުން މާޗު 2010ގައި ހަވާލުކޮށްފައިވާ ކަމަށާއި އެ މީހުންގެ ތަހުގީގު ނިންމުމަށް ފަހު ރިޕޯޓް ސަރުކާރަށް ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރިޔާސީ ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ ވިޔަފާރީގެ އެފަދަ މުއާމަލާތްތައް އެއްގައުމަށް ވުރެ ގިނަ ގައުމުގައި ހިންގާފައިވާ ކަމަށެވެ. އަދި އެކަމަކީ ދިވެހި ރައްޔިތުންގެ ބޮޑަތި ހައްގުތަކެއް އެކުލެވިގެންވާ ކަމަކަށް ވާތީ އިތުބާރު ކުރެވޭ ފަދަ ސާފުތަހުގީގެއް އަންނަނީ ބައިނަލްއަގުވާމީ ދާއިރާތަކުގެ އެހީގައި ކުރަމުން ކަމަށެވެ. އަދި އެ ތަހުގީގު ނިމުމުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާވާނެ ކަމަށް ވެސް ރިޔާސީ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

ރިޔާސީ ކޮމިޝަންގެ އެ ބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަނުން މިދިޔަ އަހަރުގެ މެދުތެރޭގައި ތެލުގެ ވިޔަފާރިއާ ގުޅޭ ތަހުގީގުތައް ކުރަން ފެށީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓުތަކުން އެކަން ފާހަގަ ކުރެވިފައި ވާތީ ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް ކޮށްފައިވާ އިރު ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވަނީ އެކަން ތަހުގީގުކޮށް އެކަމަކީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ ބެލުން ކަމަށެވެ.

ދަ ވީކުގެ ރިޕޯޓުގައި ބުނަނީ މައުމޫނާއި އެމަނިކުފާނުގެ އާއިލާ އިން މަނީ ލޯންޑްރިންގެ ވިޔަފާރި ކުރި ކަމަށާއި އެ ތަހުގީގުތައް ސިންގަޕޫރުގެ ފުލުހުން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.