12 Feb 2015, 19:55
ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާތީ ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ ޖަމާލުއްދީން ހުސްކުރުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފަސްކޮށްދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު "ސަން" އަށް ވިދާޅުވީ، މީގެ ކުރިން ބާ ޖަމާލުއްދީން ހުސްކުރުމަށް ސަރުކާރުން ދީފައި ވަނީ 7 ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރައި ދަރިވަރުން މަގުމަތިވެދާނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
"މީހުން ނިންމާ ނިންމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ހުއްޓޭކަށް ސަރުކާރަކުން ބޭނުމެއް ނޫން. ދަރިވަރުން މަގުމަތި ވުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ނޫން. އަދި ވަކިން ހާއްސަކޮށް ރައީސް ޔާމީން އެއްގޮތަކަށް ވެސް އެތަނުގައި ކިޔަވާ ކުދިންނަށް ދެރަ ގޮތެއް ވިޔަކަނުދޭނެ. އެހެންވީމަ ސަރުކާރުން ވަނީ މިހާރު ބާ ޖަމާލުއްދީން ހުސްކުރުމަށް އިތުރު ފުރުސަތެއް ދެއްވާފައި،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ، މި މަހުގެ 26ވަނަ ދުވަހުގެ ކުރިން އެތަން ހުސްކުރުމަށް ޔުނިވާސިޓީއަށް އަންގާފައި ވާނެ ކަމަށެވެ. އަދި މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ދަރިވަރުން ބަދަލު ކުރާނެ ތަންތަނުގެ ޕްލޭނެއް ތައްޔާރުކޮށް ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމަށް ސަރުކާރުން އަންގާފައިވާނެ ކަމަށެވެ.
"އެހެންނަމަވެސް ޖީ ބްލޮކް ހުސްނުކޮށް ބޭއްވުމަކީ ސަރުކާރަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން. ހަގީގަތުގައި ޔުނިވާސިޓީއަށް ވަރަށް ވަގުތު ލިބިގެން ގޮސްފި. ދަރިވަރުންގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް ވަގުތު ދެވިއްޖެ. ބައްލަވާ އަމިއްލަ ފަރާތްތަކުން ވެސް އެއަށް ވުރެއް މާ ކުދި ތަންތަނުގައި އެބަ ކިޔަވާދޭ އިނގޭތޯ،" މުއާޒުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ، ގައުމީ ޔުނިވާސިޓީއަށް ސަރުކާރުން ބިންތައް ދީފައި އެބަހުރި ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅެނީ "މެނޭޖު ކުރުމުގެ މައްސަލައެއް ކަމަށް" މުއާޒު ވިދާޅުވި އެެވެ.
ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން ރައީސް އޮފީހުން އެންގީ މިދިޔަ ހޯމަ ދުވަހު އެވެ.
ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، ޔުނިވާސިޓީގެ ޖީ ބްލޮކް ހިންގަމުންދާ ބާ ޖަމާލުއްދީން ގައި 1،300 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށާއި އެއީ ބާ އިމާރާތެއް ނޫން ކަމަށެވެ.