ށ. ފިރުނބައިދޫން ގެއްލިގެން ހޯދަމުން އަންނަ އަބުދުﷲ މާއިލް ހޯދުމަށް ނ. އަތޮޅާއި ރ. އަތޮޅުގެ ހުރިހާ ފަޅުރަށެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެފްޓިނެންޓް ކާނަލް އިބްރާހިމް ހިލްމީ ވިދާޅުވީ، މާއިލް ހޯދުމަށް ޖުމުލަ 800 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ސިފައިން ބަލާފައިވާ ކަމަށާއި އެގޮތުން ނ. އަތޮޅާއި ރ. އަތޮޅުގެ ހުރިހާ ފަޅުރަށެއްގެ އެއްގަމާއި މޫދުގެ ސަރަހައްދު ބަލާފައިވާ ކަމަށެވެ.

"އެގޮތުން ނ. އަތޮޅާއި ރ. އަތޮޅުގެ ހުރިހާ ފަޅުރަށެއްހެން ވަނީ ސިފައިން އެރަށަށް އެއްގަމާއި ފަޅުތެރެއިން ފައިބައިގެން ހޯދުމަށްޓަކައި މަސައްކަތް ކުރެވިފަ،" ހިލްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާއިލް ގެއްލިގެން އުޅޭކަން އަވައްޓެރި ގައުމުތަކަށް ވެސް އަންގާފައިވާނެ ކަމަށެވެ.

މާއިލް ގެއްލުނުތާ 16 ވަރަކަށް ދުވަސްވެފައިވާއިރު އޭނާ ހޯދުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ކަނޑުގެ ސަރަހައްދު ވެސް ވަނީ ބަލާފައެވެ. ނަމަވެސް އަދި އޭނާ ނުފެނެއެވެ.

މާއިލް ގެއްލުނު ފިރުނބައިދޫ ވަރުވާއަށް ނަގައިގެން އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރި މީހުން މިހާރު ވަނީ އެރަށް ދޫކޮށް ގޮސްފައެވެ.

އޭނާގެއްލުމުގެ ކުރިން އޭނާއާއެކު އެރަށުގައި ހުރި ހަމައެކަނި މީހާކަމަށްވާ ށ. ފުނަދޫ، ހަސަން އަލީ (ހަސަންބެ)، 62، ބުނާގޮތުން މާއީލް ގެއްލުނީ "ސަޖިދަ" ތަކެއް ކުރުމަށްފަހު ހިނގައިދިޔަ ކަންތައްތަކަކަށް ފަހުއެވެ. އޭގެ ފަހުން މާއިލްގެ ހަބަރެއް ނުވެއެވެ. ނަމަވެސް މާއިލްގެ އާއިލާއިން ތުހުމަތުކުރަނީ އޭނާވީތަނެއް ހަސަންބެއަށް އެނގޭނެ ކަމަށެވެ.