ފަސް މީހުންނާއެކު ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ "ކޮރަލް ކްރާފްޓް" ނަމަކަށް ކިޔާ ކޮޅުވެއްޓި، ބަންޑުން ޖަހާލިއިރު އޭގައި ތިބި މީހުން ތިބީ "ލައިފް ޖެކެޓް" ނާޅާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެފްޓިނެންޓް ކާނަލް އިބްރާހިމް ހިލްމީ، ކޮރަލް ކްރާފްޓްގެ ކެޕްޓަނާ ހަވާލާދީ ވިދާޅުވީ، އެ ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 10:40 ކަންހާއިރު ކަމަށެވެ. އެހާދިސާ ހިނގުމުން އޭގައި ތިބި ފަސް މީހުންވެސް މޫދަށް ފުއްމާލީ ކަމަށާއި އެމީހުންނަށް ލައިފް ޖެކެޓް އަޅަން ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"އެހެން ވުމުން އޭގައި ތިބުމަކީ އެހާ ރައްކާތެރި ކަމަކަށް ނުވާނެތީ އޭގައި ދަތުރުކުރި ފަސް މީހުން، އުޅަނދު ދޫކޮށް ކަނޑަށް ފުންމާލީ ކަމަށް ވަނީ. މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ލައިފް ޖެކެޓް އެޅުމަށްޓަކައި ފުރުސަތެއް އެބޭފުޅުންނަށް ނުލިބުމާއި ގުޅިގެން ކަނޑަށް ފައިބައިފައިވަނީ ލައިފް ޖެކެޓްވެސް ނާޅާކަން،" ބ.ގޮއިދޫ ހުޅަނގުދެކުނު 30 މޭލު ބޭރުން ބަންޑުން ޖަހާލާފައިވާ ކޮޅުވެއްޓީގެ ހާދިސާ ކިޔައިދެމުން ހިލްމީ ވިދާޅުވި އެވެ.

އެ ކޮޅުވެއްޓީގައި ތިބީ ތިން ދިވެހިންނާއި ދެ ބަންގްލަދޭޝް ރައްޔިތުންނެވެ. އޭގެ ތެރެއިން ސަލާމަތްވެފައިވަނީ ކޮޅުވެއްޓީގެ ކެޕްޓަން ރ. އަލިފުށީ އަބްދުﷲ ރަޝީދާއި ފަޅުވެރިއެއް ކަމަށްވާ ގދ. ގައްދޫ އަބްދުﷲ މޫސާ އެވެ. ނަމަވެސް މިހާރު ގެއްލިގެން ހޯދަމުންދާ ތިން މީހުންގެ މައުލޫމާތު އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ދިރިތިއްބާ ދެމީހުން ފެނިފައިވަނީ އެސަރަހައްދުން މަސްވެރިކަމުގައި އުޅުނު މަސްދޯންޏަކަށެވެ.

ބ. ދަރަވަންދޫގައި ހުންނަ ސަންގެ މޮނިޓަރު، ކޮޅުވެއްޓީގެ ކެޕްޓަން އަބްދުﷲ ރަޝީދާ ހަވާލާދީ ބުނީ، ކޮރަލް ކްރާފްޓް ބަންޑުން ޖަހާލާފައިވަނީ އޭގެ ބައެއް ފަޅައިގެންގޮސް ދިޔަވުމުގެ ސަބަބުންނެވެ.

"ކައްޕި ބުނީ ވަރަށް މަޑު ރެޔެކޯ އެއީ، ބޮޑަށް ދިޔަވެގެންނޯ ބަންޑުން ޖަހާލީ". މޮނީޓަރު ބުންޏެވެ.

އޭނާ ބުނީ، އެކޮޅުވެއްޓި ދިޔައީ މޫދު ކޮޓަރިތަކެއް އެޅުމަށް މުދާތަކެއް ހިފައިގެން ކަމަށެވެ.

ހިލްމީ ވިދާޅުވީ، ކޮޅުވެއްޓިން ގެއްލިފައިވާ ތިން މީހުން ހޯދުމަށް އެމްއެންޑީއެފް ހުރަވީ އާއި ވައިގެ މަގުންވެސް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކޮޅުވެއްޓީގެ ހަބަރެއް ނުވެގެން ކޯސްޓުގާޑަށް އަންގާފައިވަނީ އިއްޔެ ހެނދުނު ކަމަށާއި އެމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން އެތައް ގޮތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މަތިން ދަތުރުކުރާ ސެޓްލައިޓްތަކަށް ސިގުނަލް ފޮނުވާ "ރޭޑީއޯ ބީކަން"އެއްގެ ސިގްނަލް ލިބިގެން އެކަންވެސް ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ ކޮޅުވެއްޓިއަކީ ކ. ތިލަފުށިން ފުރައިގެން ރ. ދިގިއްޔަށް ދަތުރުކުރި ކޮޅުވެއްޓިއެކެވެ. އެ ސަރަހައްދަށް އެހާ މޫސުން ގޯސްނޫން ކަމަށް ވެއެވެ.