ޕާސްޕޯޓު ދޫކުރާ ވަގުތު ހުރިހާ އިނގިއްޔެއްގެ ފިންގާޕްރިންޓް ނަގަންޖެހޭގޮތަށް ހަމަޖައްސައި ޕާސްޕޯޓް ދޫކުރާ ސިސްޓަމުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ދޫކުރާ ވަގުތު ޕާސްޕޯޓްގެ ވެރިފަރާތުގެ ވައަތާއި އަދި ކަނާއަތުގެ ބޮޑުވާއިގިލީގެ ނިޝާން ނަގަމުންދިޔަ ކަމުގައި ވިޔަސް މިހާރު ދިހަ އިގިލީގެ ނިޝާން ނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެބަދަލު ގެނައިފަހުން ދޫކުރެވޭ ޕާސްޕޯޓްގެ މުއްދަތު ހަމަވުމުން އަލުން ޕާސްޕޯޓް ހައްދާ ވަގުތުގައި ދިހަ އިނގިލީގެ ނިޝާން ނެގުމުގެ ބަދަލުގައި ޕާސްޕޯޓް ދޫކުރުމުގެ ކުރިން ސިސްޓަމުން ކާކުކަން ދެނެގަތުމަށްޓަކައި އަތުގެ ކޮންމެވެސް އެއް އިނގިއްޔެއްގެ ނިޝާން ނެގުމުން ފުދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ސިސްޓަމަށް މިގެނެވުނު ބަދަލާ ގުޅިގެން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ލިބުމަކީ އެކަށީގެންވާކަމެއް ކަމަށާއި އެހެންނަމަވަސް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ރައްޔިތުންގެ ރައްކާތެރިކަމާއި ފަސޭހައަށް ކުރެވުނު މިކަމުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް އިމިގްރޭޝަނުން ވަނީ ގޮވާލާފައެވެ.

އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ދޫކުރުމަށް ބޭނުންކުރާ ސިސްޓަމަށް ގެނެވުނު ބަދަލާ ގުޅިގެން އަތޮޅުތަކުން ޕާސްޕޯޓް ޕްރިންޓް ކުރުމާއި، އިމިގްރޭޝަންގެ ޕާޓްނާ އެޖެންސީ ތަކުން އެޕްލިކޭޝަން ފޯމުގައިވާ ޑޭޓާ އެންޓާ ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގާބިލްކަން ސިސްޓަމަށް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން އިމިގްރޭޝަނުން ކަނޑައަޅާފައިވާ މިންގަޑަށް ނަގާފައިވާ ފޮޓޯގެ ސޮފްޓްކޮޕީ ބޭނުންކޮށްގެން ޕާސްޕޯޓް ހެދޭނެ އިންތިޒާމްވެސް ކައިރި މުސްތަގުބަލެއްގައި ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ކައިރި މުސްތަގުބަލެއްގައި ޕާސްޕޯޓްގެ ޚިދުމަތަށް އެދި ހުށަހަޅާއިރު އައިޑީ ކާޑު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ޕާސްޕޯޓަށް އެދި އިމިގްރޭޝަނާ ފޯމް ހަވާލުކުރާ ފަރާތުގެ މައުލޫމާތު ސިސްޓަމުގައި ރައްކާ ކުރެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓްގެ ޚިދުމަތަށް އެދުމުގައި އާންމު ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ދުރުނޫން މުސްތަގުބަލެއްގައި އޮންލައިންކޮށް ދިވެހި ޕާސްޕޯޓްގެ ޚިދުމަތަށް އެދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ތައްޔާރީތައްވަމުން އަންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.