ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި މިދިޔަ މަހުން މި މަހަށް ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

މިދިޔަ މަހު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގް ތާވަލްގެ 131 ވަނައިގައި އޮތް ރާއްޖެ މިމަހު އޮތީ ތާވަލްގެ 135 ވަނައިގަ އެވެ. ވޯލްޑް ރޭންކިންގައި ރާއްޖެ ހަތަރު ދަރަޖަ ދަށަށް ވެއްޓިފައި ވާއިރު، އެ ކަމުގެ ސަބަބުން ފީފާ ޒޯނަލް ރޭންކިންގައިވެސް ރާއްޖެ ވަނީ އެއް ދަރަޖަ ދަށަށް ޖެހިފަ އެވެ. މިދިޔަ މަހު ފީފާ ޒޯނަލް ރޭންކިންގެ 18 ވަނައިގައި އޮތް ރާއްޖެ މި މަހު އޮތީ 19 ވަނައިގަ އެވެ.

ސާކް ސަރަހައްދުގެ ދެ ވަނަ ގައުމު ކަމަށްވާ އަފްގާނިސްތާނު ވެސް ވަނީ މިދިޔަ މަހުން މި މަހަށް ދެ ދަރަޖަ ދަށަށް ޖެހިލާފަ އެވެ. މިދިޔަ މަހު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 142 ގައި އޮތް އަފްގާނިސްތާން މި މަހު އޮތީ 144 ވަނައިގަ އެވެ. އަދި ފީފާ ޒޯނަލް ރޭންކިންގައި އެ ގައުމު ވަނީ 22 ވަނައިން 23 ވަނައަށް ވެއްޓިފަ އެވެ.

ރާއްޖެ އާއި އަފްގާނިސްތާނާ ހިލާފަށް ސާކް ސަރަހައްދުގެ ތިން ވަނަ ކަމަށްވާ ބަންގްލަދޭޝް ވަނީ މިމަހު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މިދިޔަ މަހު އެ ތާވަލްގެ 165 ވަނއިގައި އޮތް ބަންގްލަދޭޝް ވަނީ މި މަހު އަށް ދަރަޖަ ކުރިއަށް ޖެހިލައި، ތާވަލްގެ 157 ވަނައަށް އަރާފައެވެ. ހަމަ އެއާކު އެ ގައުމު ވަނީ ފީފާ ޒޯނަލް ރޭންކިންގައިވެސް ހަތަރު ދަރަޖަ ކުރިއަށް ޖެހިލައި، 34 އިން 30 ވަނައަށް ޖެހިލާފައެވެ.

ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގް ތާވަލްގައި މިދިޔަ މަހުން މި މަހަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ ޕާކިސްތާނެވެ. އެ ގައުމު ވަނީ މިދިޔަ މަހުން މި މަހަށް 17 ދަރަޖައިގެ ކުރިއެރުމެއް ހޯދާ، ތާވަލްގެ 188 އިން 171 އަށް ޖެހިލާފަ އެވެ. އަދި ފީފާ ޒޯނަލް ރޭންކިންގައި އެ ގައުމު މިހާރު އޮތީ ސްރީލަންކާ މިދިޔަ މަހު އޮތް 36 ނައިގައެވެ.

މިމަހުގެ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގް ތާވަލްގައި އިންޑިއާއަށްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، އެ ގައުމު އޮތީ ހަމަ މިދިޔަ މަހެކޭވެސް އެއްފަދައިން ތާވަލްގެ 171 ވައިނައިގައެވެ. މިއީ އިންޑިއާގެ ރޭންކިންގްއަށް ބަދަލެއް ނައިސް އޮންނަ ދެ ވަނަ މަހެވެ.

ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގް ތާވަލް ދެން އެންމެ އަވަހަށް އަޕްޑޭޓު ކުރެވޭނީ އަންނަ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ.