12 Feb 2015, 16:23
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގެންދިޔަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނަށް މެލޭޝިޔާގެ ނެކްސް ބިޒުން ދިން 66 ލެޕްޓޮޕް 10 ދުވަހުގެ ތެރޭގައި ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ މެއި ތިން ވަނަ ދުވަހާއި މެއި 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތަކުގެ ދަށުން އިމިގްރޭޝަންގެ ހެޑް އޮފީހާއި ހުޅުމާލޭ އެއާޕޯޓު އޮފީސް ބަލައި ފާސްކޮށް 66 ލެޕްޓޮޕް ގެންގޮސް ހިފަހައްޓާފައި އެކަމުގެ މައްޗަށް ފަނޑިޔާރެއްގެ ހުއްދަނެތި ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ތަހުގީގުކުރާ ފަރާތުން ވަނުމުގެ ހުއްދަ ދިނުމުގައި ކޯޓުން އަމަލުކުރާ ގަވާއިދުގައިވާ ގޮތުން ތަކެތި ހިފެހެއްޓުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ހިފަހައްޓާފައިވާ ނެކްސް ބިޒް ލިމިޓެޑްގެ 66 ލެޕްޓޮޕް 12 ފެބްރުއަރީ 2015 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނެކްސްބިޒް ލިމިޓެޑާ ހަވާލުކުރުމަށް ދައުވާ ލިބުނު އެންޓިކޮރަޕްޝަން ކޮމިޝަނަށް އަންގައި ހުކުމްކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.