12 Feb 2015, 16:00
ލ. އަތޮޅުގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ގޮތްޕެއް ހުޅުވައިފި އެވެ.
މިއަދު ހެނދުނު ލ. ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޖީ އޮފީހުގެ ގޮފި ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލެވެ.
އެ ރަސްމިއްޔާތުގައި ފައްޔާޒު ދެއްކެވި ވާހަކަފުޅުގައި ގަމުގައި ޕީޖީ އޮފީހުގެ ގޮތްޕެއް ހުޅުވިގެން ދިޔުމަކީ އެ އަތޮޅުން ޕީޖީ އޮފީހަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށް ލިބުނު އިތުރު ފުރުސަތެއް ކަމުގައި ވިދާޅުވި އެވެ.
ފުލުހުންނާ ޒުވާނުން ގުޅިގެން ކުށް މަދު ކުރުމަށް ހިންގާ ޕްރޮގްރާމް ތަކުގައި ބައިވެރިވުމަށް ފައްޔާޒު ވަނީ އެ އަތޮޅުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެ ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އާއި ޕީޖީ އޮފީހުގެ އިސް ވެރިންގެ އިތުރުން ލ. އަތޮޅު ޕޮލިސް ކޮމާންޑަރާއި އެ އަތޮޅުގެ އެކި ރަށްތަކުގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.