12 Feb 2015, 15:51
ނެވިކަމުގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށް މެރިޓައިމް އެކެޑެމީ އޮފް މޯލްޑިވްސްއާއެކު ކަނޑޫމާ ރިސޯޓުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކަނޑޫމާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކެޑެމީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ އެކެޑެމީގެ ޕްރިންސިޕަލް މުހައްމަދު ނައީމާއި ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުސްތަފާ އެވެ. އަދި ރިސޯޓުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެގްޒެކިއުޓިވް އެސިސްޓެންޓް މެނޭޖަރު ރިނީ ޖުވެލް އާއި ޑިރެކްޓަ އޮފް ހިއުމަން ރިސޯސެސް ހުސައިން ޝާހިދެވެ.
މެރިޓައިމް އެކެޑެމީން ފޯރުކޮށްދޭ ކޯސްތަކަށް ބައިނަލް އަގުވާމީ ފެންވަރުގައި ތަމްރީނު ލިބޭނެ ކަމަށް ކަނޑޫމާއިން ބުންޏެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތައް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މެރިޓައިމް އެކެޑެމީއާއެކު ސޮއިކުރުމާއެކު އެކެޑެމީގައި ކިޔަވާ ކުދިންނަށް ހަ މަސް ދުވަހަށް އެ ރިސޯޓުގެ މެރިޓައިމް ޑިޕާޓްމެންޓުގައި މަސައްކަތް ކުރުމަށް އިންޓާންޝިޕްގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
"މެރިޓައިމް އެކެޑެމީ އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި ވަރަށް ފަހުން އުފެދުނު ޖަމިއްޔާއެއް. އެބޭފުޅުންނާ އަޅުގަނޑުމެންނާ ގިނަ ދުވަސްތަކެއްގެ ވާހަކައަށްފަހު މިހާ ހިސާބަށް އަޅުގަނޑުމެންނަށް އާދެވިފައި ވަނީ. އެބޭފުޅުން އަޅުގަނޑުމެންނަށް ޕްރޮވައިޑް ކޮށްދޭނެ އެބޭފުޅުންގެ ކޯސްތަކުގައި ކިޔަވާ ކުދިން. އަޅުގަނޑުމެން ފޯރުކޮށްދޭނަން އިންޓާންޝިޕް. އެ ކުދިން މިކޮޅަށް އައިސް މިކޮޅުގެ މެރިން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާނެ ހަ މަސް ދުވަހު،" އޭނާ ވިދާޅުވި އެވެ.
އައިޖީއެޗްގެ ފުރަތަމަ ޕްރޮގްރާމް ހިންގާފައި ވަނީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އާ ގުޅިގެންނެވެ. އެ އެކަޑަމީއާއެކު ދަރިވަރުންގެ ހަތަރު ބެޗެއް ކިޔަވަމުން ގެންދާއިރު އެ އެކަޑަމީއާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ 2013 ގަ އެވެ. އޭގެ ތެރެއިން 46 ދަރިވަރެއް ކިޔަވާ ނިމިފައިވާއިރު އަށް ކުއްޖަކު ހަތަރު ވަނަ ބެޗުގައި ކިޔަވަމުން ދާ ކަމަށް އެ ރިސޯޓުން ބުންޏެވެ.