އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ޗެލްސީ ބައްދަލުކުރި މެޗު އެންމެ ފަހު ވަގުތު ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލްގެ ދެވަނަ މެންޗެސްޓާ ސިޓީއާ އެ ޓީމާ ދެމެދު އޮތް ފަސް ޕޮއިންޓުގެ ފަރަގު ޗެލްސީ ހިފައްޓާލައިފިއެވެ.

ރޭގެ ޗެލްސީ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ 89 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރު ވިލިއަން އެވެ. ޗެލްސީން އެ ލަނޑު ކާމިޔާބު ކުރީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި، އެވަޓަންގެ މިޑްފީލްޑަރު ގެރެތު ބެރީ ދަނޑުން ފޮނުވާލިތާ މިނެޓެއްވެސް ނުވަނީސް އެވެ.

މެޗު ފެށުނު ކޮޅު ޗެލްސީ ދިޔައީ އެވަޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން ނެވެ. އަދި އެ ވަ ވަގުތުކޮޅު އެތަށް ފަހަރެއްގެ މަތިން އެވަޓަންގެ ޑިފެންސް ޗެލްސީ ފޫއަޅުވާލި ނަމަވެސް، އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މެޗުގައި އެވަޓަންއަށް ހަމަޖެހިލެވުނީ ފުރަތަމަ ހާފްގެ ފަހު ވަގުތު ކޮޅު އެވެ. ފުރަތަމަ ހާފްގެ ފަހު ކޮޅު އެ ޓީމް ގިނަ ވަގުތު ބޯޅަ ހިފައްޓައިން ކުޅުނު ނަމަވެސް، އެ ޓީމަށް ވަނީ މާ ނުރައްކާތެރި ހަމަލާއެއް ޗެލްސީއާ ދެކޮޅަށް އުފެއްދޭ ގޮތް ނުވެފައެވެ. ހާފް ޓައިމްގެ ކުރިން މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ވަނީ ރަނގަޅު ޑިފެންސިވް އުކުޅުތަކެއް ފެނިގެން ގޮސްފައެވެ.

ދެވަނަ ހާފްގައި ޗެލްސީގެ މަޓިކް އާއި ހަޒާޑް އަދި ވިލިއަން ވަނީ އެވަޓަންގެ ޑިފެންސަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެ ހާފްގައި ޗެލްސީގެ ފޯވާޑް ލައިނުން ހުނަރުވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ޗެލްސީއަށް އެ މެޗުން ތިން ޕޮއިންޓް ސަލާމްތް ކުރެވުނީ ހަމަ ކިރިޔާ އެވެ.

ޗެލްސީއާ ހިލާފަށް ރޭ މެންޗެސްޓާ ސިޓީ އަތުން ސްޓޯކް ސިޓީ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗު ފެށި ސިޓީ ވަނީ ރަނގަޅު އެޓޭކިންގް ކުޅުމެއް ދައްކާފައެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ކާމިޔާބު ކުރި ލަނޑާއެކު، މެޗުގެ ލީޑުވެސް ފުރަތަމަ ނެގީ ސިޓީ އެވެ.

ސިޓީ ލީޑު ނެގިތާ ފަސް މިނެޓުތެރޭ ސްޓޯކް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ސްޓޯކަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު 38 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕީޓާ ކްރައުޗް އެވެ.



ނަތީޖާ ހަމަހަމަވެ އޮވެ ފުރަތަމަ ހާފް ނިމިގެން ދިޔަ ނަމަވެސް ސިޓީ ވަނީ ދެވަނަ ހާފް ރަނގަޅު ހަމަލާތަކަކާ އެކު ފަށާ، 55 ވަނަ މިނެޓުގައި އަނެއްކާވެސް މެޗުގެ ލީޑު ނަގާފައެވެ. ސިޓީގެ ޖޭމްސް މިލްނާ ކާމިޔާބު ކުރި ލަނޑާއެކު ނަތީޖާ 2-1 އަށް ބަދަލުވެގެން ދިޔަ އިރު، ސިޓީއަށް އިތުރަށް ނަތީޖާ ފުޅާ ކޮށްލެވުނީ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަގުއޭރޯ ކާމިޔާބު ކުރި ލަނޑާއެކު އެވެ.

އަގުއޭރޯ ސިޓީއަށް ލީޑު ހޯދަދިންތާ ހަ މިނެޓުތެރޭ ސާމިރު ނަސްރީ ކާމިޔާބު ކުރި ލަނޑާއެކު ސިޓީ ވަނީ މެޗުގައި ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. އެ ނަތީޖާއާއެކު މެޗު ނިމިގެން ދިޔައިރު، ސިޓީއަށް ލިބުނު ތިން ޕޮއިންޓާއެކު މުޅިއަކު 52 ޕޮއިންޓު ހޯދާ، ތާވަލްގެ ދެވަނައިގައި އެ ޓީމް މިހާރު ވަނީ ހަމަޖެހިލާފައެވެ.

ތާވަލް ލީޑު ކުރަމުންދާ ޗެލްސީ މިޙާރު 59 ޕޮއިންޓް ހޯދާފައި ވާއިރު، އެ ޓީމާ ދެމެދު އޮތް ފަރަގު ސިޓީ ވަނީ މީގެ ކުރިން ތިން ޕޮއިންޓަށް ހަނިކޮށްލާފައެވެ. ނަވަވެސް ސިޓީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވުމުން އެ ޓީމަށް ވަނީ ފަހަކަށް އައިސް މާ ބޮޑު ކުރިއެރުމެއް ލިބެ ގޮތް ނުވެފައެވެ.