12 Feb 2015, 15:44
ސާކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރެޑް ބުލްގެ ސްޕޮންސާޝިޕް ލިބި، ރެޑް ބުލްގެ އެތުލީޓަކަށް ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ އަހުމަދު އަގީލް (އަންމަޑޭ) ހޮވިއްޖެއެވެ.
މިއީ ރާއްޖޭގެ އެތުލީޓަކަށްވެސް އެ ޝަރަފް ލިބިގެން ދިޔަ ފުރަތަމަ ފަހަރެވެ. ރެޑް ބުލް އެތުލީޓަކަށް ވުމުން ދުނިޔޭގައި ބޭއްވިގެންދާ އެކި މުބާރާތް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ރޭޑް ބުލްއިން އެނާއަށް ހޯދަދިނުމުގެ އިތުރުން، ރާޅާއެޅުމުގައި ކުރިއަށް ދިޔުމަށް އިތުރު ތަމްރީން ޕްރޮގްރާމް ތަކުގައި ބައިވެރި ވުމުގެ ފުރުސަތުވެސް އޭނާއަށް ލިބިގެން ދާނެއެވެ.
ތަމްރީނާއި މުބާރާތްތަކުން ފުރުސަތު ލިބިގެން ދިޔުމުގެ އިތުރުން ސަރފިންގް ބޯޑާއި އެކަމަށް ބޭނުންވާ އެހެނިހެން ކިޓުވެސް އަންމަޑޭއަށް ލިބިގެން ދާނީ ރެޑް ބުލްގެ ފަރާތުންނެވެ. އުމުރުން އެންމެ 24 އަހަރުގެ އަންމަޑޭ ބުނީ ރެޑް ބުލް އެތުލީޓަކަށް ވުމުން އެއީ ހަމައެކަނި އޭނާއަށް ލިބިގެންދާ ޝަރަފެއް ނޫން ކަމަށާއި، އެއީ މުޅި ރާއްޖެއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އޭގެ އިތުރުން އަންމަޑޭ ބުނީ އެ ފުރުސަތަކީ އެނާއަށް ސަރފިންގެ ރޮނގުން ކުރިއަށް ދާން ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ ކުރިން އަންމަޑޭ ވަނީ 2013 ވަނަ އަހަރު ބޭއްވި ރެޑް ބުލް ލޯކަލް ހީރޯ ޓުއަރ ކާމިޔާބު ކޮށްފައެވެ. އަދި ރާއްޖޭގެ ސާފިންގް އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރޭންކިންގައި އަންމަޑޭ މިހާރު އޮތީ ދެ ވަނައިގައެވެ. އަންމަޑޭއަކީ ގިނަ ރާޅާއެޅުންތެރިންތަކެއް އުފެދިފައިވާ، އަދި ރާއްޖޭގެ އެންމެ މައްޝޫރު އެއް ސާފިންގް ޕޮއިންޓް ކަމަށްވާ ކޯކްސް އޮންނަ ކ. ތުލުސްދޫއަށް ނިސްބަތްވާ ޒުވާނެކެވެ.