ބޮއްކުރައެއްގައި ރޭ ފަތިހު ހއ. މާރަންދޫން ބޯވަ ނަގަން ފަރުމައްޗަށް ދިޔަ ދެ މީހުންގެ ތެރެއިން ގެއްލުނު މީހަކު މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ އެރަށު ކާނިމާގޭ އުމުރުން 51 އަހަރުގެ ޔޫސުފް ހުސެއިން ކަމަށެވެ. އަދި ޔޫސުފް ޙުސައިންގެ ހަށިގަނޑު މާރަންދޫ ސިއްޙީ މަރުކަޒަށް ގެންދިޔައިރު މަރުވެފައިވާކަން ޑޮކްޓަރު ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭ ފަތިހު ޔޫސުފް ބޯވާ ނަގަން ދިޔަ ގޮތަށް ގެއްލުމުން އެ އަތޮޅު އުލިގަމުގައި ތިބޭ ސިފައިންނާއި ދިއްދޫގައި ތިބޭ ފުލުހުން ހޯދަމުން ދަނިކޮށް މޫދުއަޑިން ފެނިފައިވަނީ މިއަދު މެންދުރު 1:30 އެހާކަންހާއިރު އޭނާ ހޯދަމުންދިޔަ މާރަންދޫ ބަޔަކަށެވެ. އޭރު ޔޫސުފް އޮތީ އުތުރު ފަރާތު ފަރު ކައިރީގަ މޫދު އަޑީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔޫސުފް ބޯވަ ނަގަން ދިޔައީ ރޭ ފަތިހު އެރަށު ޔޫސުފާ އެއް އުމުރެއްހެ އެހެން މީހަކާ އެކު އައުޓް ބޯޑް އިންޖީނު އަޅާފައިވާ ބޮއްކުރައެއްގަ އެވެ.

އޭނާ ފެނޭތޯ މަސައްކަތް ފެށީ ޔޫސުފް، ބޯވަ ނަގަން މޫދަށް ފޭބި ގޮތަށް ހަބަރެއްނުވެ ލަސްވުމުގެ ސަބަބުން، އޭނާއާ އެކު ބޯވަ ނަގަންދިޔަ މީހާ އެކަން ރަށު އޮފީހަށް އެނގުމުންނެވެ.