12 Feb 2015, 15:30
ބ. ދޮންފަނު ކައިރިން ކިނބުލެއް ފެނުނު ކަން "ޔަގީން" ކަމަށް އެ ރަށަށް ވިޔަފާރި ދަތުރެއްގައި ދިޔަ އެއަތޮޅު ދަރަވަންދޫ ތިން މީހަކު ބުނެފިއެވެ.
މިއަދު 11:45 ކަންހާއިރި ޑިންގީއެއްގައި ދޮންފަނަށް ދިޔަ މީހުންގެ ތެރެއިން އަބްދުލް ހައްނާނު އިސްމާއިލް މިއަދު ސަން އަށް ބުނީ ދޮންފަނު ބޭރުން އެޑިންގީގައި ތިބި ތިން މީހުންނަށް ވެސް ކިނބުލެއް ފެނިފައިވާ ކަމަށެވެ. އެ ކިނބުލުގައި ހަ ފޫޓް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"ނެރުގެ އިރުމަތިކޮޅުން ގާތްގަނޑަކަށް 200 ވަރަކަށް ފޫޓެއްހާ ދުރުގައި އިރުމައްޗާއި ކައިރިއަށް ގާތްގަނޑަކަށް 20 ފޫޓު ބޭރުމަތީގައި އިރުމައްޗަށް ބޯލައިގެން އޭތި އޮތީ،" ހަންނާނު ބުންޏެވެ.
އޭނާ ބުނީ ކިނބޫ ފެނުމާއެކު އޭތި ކައިރިއަށް ނުގޮސް ދުރުގައި ބަލަންތިބީ ކަމަށާއި މާގިނައިރެއް ނުކޮށް ކުއްލިއަކަށް އަޑިޔަށް ދިޔައީ ކަމަށެވެ. އޭގެ ފަހުން އެމީހުން އެރަށުން ފުރައިގެން އަންނަންދެން ވެސް އޭގެ ހިލަމެއްނެތް ކަމަށް އޭނާ ބުންޏެވެ.
ކިނބުލުގެ ފޮޓޯ ނެގިންތޯ ސުވާލުކުރުމުން ހަންނާނު ބުނީ އެމީހުންގެ އަތުގައި އޮތީ "ނޮކިއާ ބައްތި" ފޯންނުތަކެއް ކަމުން ފޮޓޯ ނުނެގުނު ކަމަށެވެ.
އެކަމާ ގުޅިގެން ދޮންފަނު ކައުންސިލްގެ ރައީސް ހަނީފް އިބްރާހިމް "ސަން"އަށް ވިދާޅުވީ އެ ރަށާއި ވަރަށް ކައިރިން ދަރަވަންދޫ ބަޔަކަށް ކިނބުލެއް ފެނުނު ކަމަށް ބުނާތީ އެކަން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ. އެކައުންސިލްއިން ބެލިބެލުމުން އަދި ކިނބުލުގެ ހިލަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.