ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ހޯމް މިނިސްޓަރު އުމަރު ނަސީރަށް އަންގަވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވަނީ އޮރިޔާން މަންޒަރު ދައްކުވައިދޭ ވަސީލަތްތަކުގެ ސަބަބުން ތަފާތު އެކި ކުށްތަކަށް މަގުފަހިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ އެފަދަ އަމަލުތަކަކީ އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި މުޖުތަމައުގެ އަޚުލާގު ދެމެހެއްޓިގެންދަނީ ކުށްތަކަށް މަގުފަހިވާ ކަންކަން ހުއްޓުވިގެން ކަމަށެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާތީ އޮރިޔާން މަންޒަރު ދައްކުވައިދޭ ސައިޓުތަކަށް އިންޓަނެޓް މެދުވެރިކޮށް ވަނުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އަޅައިދިނުމަށް ދަންނަވާ ކަމަށް ޕީޖީގެ ސިޓީގައި ވެއެވެ.