12 Feb 2015, 15:12
ސްޕެއިންގެ ތައްޓަށް ކުޅޭ ކޮޕަ ޑެލް ރޭ މުބާރާތުގައި ރޭ 3-1 ގެ ނަތީޖާއަކުން ވިލަރެއާލް ބަލިކޮށް، މުބާރާތުގެ ފައިނަލާ އެއް ފިޔަވަޅު ގާތަށް ބާސެލޯނާ ޖެހިލައިފި އެވެ.
އިނިއެސްޓާ އާއި ޕީކޭ އަދި މެސީގެ ލަނޑު ތަކާއެކު ބާސާ ވިލަރެއާލްގެ މައްޗަށް ފަސޭހަ ކާމިޔާބީއެއް ހޯދި އިރު، މެޗުގައި ބާސާއަށް ލީޑު ނެގުނީ ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މެސީ ކާމިޔާބު ކުރި ލަނޑުންނެވެ.
ބާސާ ލީޑު ހޯދި ނަމަވެސް، މެޗުގެ ދެވަނަ ހާފް ވިލަރެއާލް ފެށީ ބާސާގެ ސަޕޯޓަރުން ސިއްސުވާލާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފަހު އެވެ. ބާސާގެ ސުއަރޭޒް އަތުން ގެއްލުނު ބޯޅައެއްގެ ބޭނުން ހިފައި، ވިލަރެއާލަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ މިޑްފީލްޑަރު މާނޫ ޓްރިޚޭރޯސް އެވެ.
ވިލަރެއާލްގެ ލަނޑަށްފަހު ބާސާ އުފެއްދި އެންމެ ފުރަތަމަ ހަމަލާގައި އެ ޓީމް ވަނީ މެޗުގެ ލީޑު ނަގާފައެވެ. އިނިއެސްޓާ އެ ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ވިލަރެއާލް ނަތީޖާ ހަމަހަ ކުރިތާ އެންމެ މިނެޓެއްވެސް ނުވަނީސް އެވެ.
އެއް ލަނޑުގެ ލީޑެއް ހޯދުމަށްފަހު ވަރުގަދަ ހަމަލާތަކެއް އުފައްދަމުން ދިޔަ ބާސާ 64 ވަނަ މިނެޓުގައި ވަނީ ލީޑު ދެ ލަނޑަށް ފުޅާ ކޮށްލާފަ އެވެ. މެސީ ނެގި ކޯނަރަކުން އެ ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ޕީކޭ އެވެ.
މެޗުގެ ފަހުކޮޅު ބާސާގެ ލީޑު ތިން ލަނޑަށް ފުޅާ ކޮށްލަން އެ ޓީމަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ބާސާއަށް ޕެނަލްޓީއެއް ލިބިގެން ދިޔައިރު، ނޭމާ ކުރިއަށް ފޮނުވާލި ސްޕޮޓް ކިކް ވިލަރެއާލްގެ ކީޕަރު އަސެންޖޯ ވަނީ ދިފާއު ކޮށްފައެވެ.
އެ މެޗުން ބާސާއަށް ލިބުނު ކާމިޔާބީއާއެކު އެ ޓީމް އަނެއްކާވެސް ކޮޕަ ޑެލް ރޭގައި ކުރިއަށް ޖެހިލާފައި ވާއިރު، މިދިޔަ ސީޒަންގެ ކޮޕަ ޑެލް ރޭ މުބާރާތުގެ ފައިނަލްގައި ރެއާލް މެޑްރިޑާ ވާދަކޮށް، އެ ޓީމަށް ޖެހުނީ ހިތި ނާކާމިޔާބީއަކާ ކުރިމަތިލާށެވެ.