12 Feb 2015, 15:05
މީހަކަށް ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު އަށް ހާސް ރުފިޔާ ފޭރިގަނެގެން ފިލި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ކުޑަ ކުއްޖަކާއި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި ފޭރުމުގެ އެ މައްސަލައަ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއި 22 އަހަރުގެ އަންހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މީހަކަށް ބިރުދެއްކުމަށްފަހު އެ މީހާގެ އަތުން 8،000 ރުފިޔާ އާއި އޭނާގެ އަތުގައި އޮތް ސެމްސަންގ ނޯޓު ފޯނެއް ފޭރިގަނެފައިވާ ކަމަށެވެ.
އެ މީހުންގެ ތެރެއިން 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އެރަށު ފަޅު ގެއެއްގެ ތެރޭގައި ފިލައި އޮއްވައި ކަމަށެވެ. އަދި 22 އަހަރުގެ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރިއުޅެމުންދިޔަ ގެއިންނެވެ. އަދި 16 އަހަރުގެ ފިރިހެން ކުއްޖާ ހައްޔަރު ކޮށްފައިވަނީ މަގުމަތިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މީހުން ފޭރިގެންފައިވާ ތަކެތީގެ ތެރެއިން 5000 ރުފިޔާ އާ ފޯނު ފެނިފައިވަނީ 24 އަހަރުގެ މީހާ ހައްޔަރުކުރިއިރު ފިލާ އޮތް ފަޅުގެ ބަލައިފާސްކުރިއިރު އެގޭގެތެރެއިން ކަމަށެވެ. އަދި ބިރުދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރެއް ފަޅުގޭގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފޭރުމުގެ މައްސަލާގައި ހައްޔަރު ކުރި 16 އަހަރުގެ ކުއްޖާއަކީ މަސްތުވާތަކެއްޗާއި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ކުއްޖެއް ކަމަށެވެ. އަދި 24 އަހަރުގެ މީހާއަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މައްސަލައިގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެ އެވެ.