12 Feb 2015, 14:57
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ބަންދާމެދު ގޮތް ނިންމި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިން ނުވަތަ ލިޔުން ހޯދަން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.
ކްރިމިނިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން ނާޒިމްގެ މައްސަލާގައި އޭނާގެ މައްޗަށް ކުރައްވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ނިންމަވައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މި މަހުގެ ނުވަ ވަނަ ދުވަހު ފޮނުވާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުންގެ ފަރާތުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ކޯޓުގައި ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަހުގީގު އެއްކޮށް ނުނިމޭ ކަމަށާއި އަދި ފޮރެންސިކް ޕްރޮސެސް ވެސް އެއްކޮށް ނުނިމޭ ކަމަށް ބުނެފައިވާ ކަމަށް ނާޒިމްގެ ވަކީލް މައުމޫން ހަމީދު ސޮއި ކުރައްވައި ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.
ފުލުހުންގެ ވެބްސައިޓުގައި ރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަޙްޤީޤު ނިމިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނި ކަމަށް ބުނެ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ކޯޓުގައި ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަޙްޤީޤު އެއްކޮށް ނުނިމޭ ކަމަށާއި ފޮރެންސިކް ޕްރޮސެސް ވެސް އެއްކޮށް ނުނިމޭ ކަމަށް ބުނެފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.