ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދިފާއުކުރުމަށް އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މި މަހުގެ މިހާތަނަށް 487 މީހުން މަރުވެ، 1200 މީހުން ޒަހަމްވެއްޖެ އެވެ.

ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް (ސޮހްރް) ބުނީ ބެރަލްބޮމާއި މިސައިލް ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން ދިން 1009 ވައިގެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން 270 މީހުންނަކީ އާއްމުން ކަމަށެވެ. އޭގެ ތެރޭގައި 49 ކުޑަކުދިންނާއި 48 އަންހެނުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ސޫރިޔާގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް އަސަދުގެ ސިފައިން ދޭ ހަމަލާތައް ދިފާއުކޮށް އޭނާ ވަނީ ދާދިފަހުން ވާހަކަ ދައްކާފަ އެވެ. އަދި ބެރަލް ބޮން ފަދަ ބައިނަލް އަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ހަތިޔާރުތައް ބޭނުން ނުކުރާ ކަމަށް ވެސް އޭނާ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

ބެރަލް ބޮން ބޭނުން ކުރާ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށް އަސަދު ބުނެފައިވާ ބުނުމާ މެދު ހައިރާން ނުވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ބުނެފަ އެވެ. އެ ޖަމާއަތުން ބުނެފައި ވަނީ އަސަދު ހަނގުރާމައިގެ ކުށްތައް ހިންގަނީ އެކަމާ އަޅައިލާނެ ބަޔަކު ނެތުމުން ކަމަށެވެ. އަދި ބުނެފައި ވަނީ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް ނުވަތަ ބައިނަލް އަގުވާމީ ކޯޓަށް އަސަދު ގެންދިއުމުގައި ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ފެއިލްވެފައިވާ ކަމަށެވެ.

ސޫރިޔާ ސަރުކާރުގެ ވައިގެ ސިފައިން ދަނީ އެ ގައުމުގެ އެކި ރަށްތަކަށް ކޮންމެ ދުވަހަކުވެސް ބޮން އަޅަމުންނެވެ. އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދިފާއު ކުރުމަށް ކުރަމުން ގެންދާ އެހަނގުރާމައިގައި އެގައުމުން މިހާތަނަށް 300000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ސީރިޔާ ސިފައިންގެ ހަމަލާތަކުގައި މިދިޔަ އަހަރު އެކަނިވެސް 39000 މީހުން މަރުވި ކަމަށާއި އޭގެ ތެރެއިން 32000 މީހުންނަކީ އާއްމުން ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ކުރިން ބުނެފައި ވެއެވެ.