12 Feb 2015, 14:45
ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދުގެ މައްޗަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމް އަބުރުގެ ދައުވާ ކޮށްފި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލް ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ އެކަން "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ރިޔާޒު ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަބުރުގެ ދައުވާ ކުރީ ކޮން ކަމަކާ ގުޅޭގޮތުންކަން އަޅުގަނޑުމެން ހާމަ ކުރާނަން ކޯޓުން އެ މައްސަލަ ބަލައިގަންހާ އަވަހަކަށް،" ރިޔާޒު ވިދާޅުވި އެވެ.
ސީޕީ ވަހީދުގެ މައްޗަށް އަބުރުގެ ދައުވާ ނާޒިމްގެ ފަރާތުން ކުރަން ހުށަހަޅާފައިވާއިރު ނާޒިމް ވަނީ އޭނާ ހައްޔަރުކުރުމަށް ނެރުނު އަމުރާއި ބަންދުގެ މުއްދަތު އިތުރު ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފަ އެވެ. އަދި ހައި ކޯޓުން މިއަދު ވަނީ ނާޒިމް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ބަލައިގެންފަ އެވެ.
ފުލުހުން ނާޒިމް ހައްޔަރު ކުރީ މި ހަފްތާގެ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ނާޒިމްގެ މައްޗަށް ތަހުގީގެއް ފުލުހުން ހިންގަމުން އަންނައިރު އޭނާގެ ގެއިން ފިސްތޯލަ ފެނުނު ކަމަށް ބުނާ މައްސަލައުގައި ނާޒިމްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
އަދި އޭނާގެ މައްޗަށް ވަނީ ބަޔަކާ ގުޅިގެން ސަރުކާރު ބަދަލުކުރަން ރޭވިކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.