12 Feb 2015, 14:06
އެސްޓީއޯގެ ސަޕްލަޔަރެއްގެ އަތުން އެ ކުންފުނީގެ ކުރީގެ ޗެއާމަން ފާރޫގު އުމަރު (ސޯރޭ) ރިޝްވަތު ނެންގެވި ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ރާއްޖެ އަށް ހަނޑޫ އެތެރެކުރާ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ރޯޔަލް އެޖެންސީގެ ވެރިފަރާތް، އެޗްއެސްބީސީގައި ހުޅުވާފައިވާ ފާރޫގުގެ އަމިއްލަ އެކައުންޓަށް 19،000 ޑޮލަރު ޖަމާކުރަކީ ރިޝްވަތު ކަމުގައި ބެލެވެން ނެތް ކަމަށެވެ.
އެ ހުކުމްގައި ވަނީ އެ ފައިސާ ފާރޫގުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެ ކުންފުނިން ފޮނުވި ޝިޕްމަންޓަކަށް ފައިސާ ނުލިބިދާނެ ކަމުގެ ބިރުއޮތުމުން ކަމަށް ރޯޔަލް އެޖެންސީގެ ވެރިޔާ ހެކިބަސްދެމުން ބުނެފައިވާ ކަމަށެވެ.
އެ ފައިސާ ފާރޫގުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ވަކިކަމަކާ ގުޅުވައިގެންކަން އެނގެން ނެތް ކަމަށާއި އެ ފައިސާ ފޮނުވާފައި ވަނީ ރޯޔަލް އެޖެންސީގެ ވެރިޔާއަށް ހީވިހީވުމެއްގެ މައްޗަށްކަން ފާހަގަކުރެވޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ރިޝްވަތު ދިންކަމަށް ބުނާ މީހާ ކަމަށާއި އެއީ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގައި އޮންނަ ހަމަތަކާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ފާރޫގުގެ އެކައުންޓަށް ޖަމާކުރި ފައިސާ ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ރޯޔަލް އެޖެންސީގެ ވެރިޔާއަށް ލިބިގެންވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ފާރުގަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެސްޓީއޯގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.