12 Feb 2015, 13:19
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ސަރުކާރުން ޖަވާބުދާރީ ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށާއި އެހެންކަމުން މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމަށް އެމްޑީޕީ ވަނީ ނުކުޅެދިފައި ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށް އެމްޑީޕީ ނުކުޅެދިފައި ވަނީ އެކަމުގެ ޖާގަ އެ ޕާޓީއަށް ނެތުމުން ކަމަށެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ރައްޔިތުން ވެސް އެކަމަށް ތެދުވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ މިއަދު ތަކުރާރުކޮށް ދަންނަވާލަން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީ އިން ވަނީ ނުކުޅެދިފައޭ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މަޖިލިސް ތެރެއިން އެމްޑީޕީއަށް އެކަން ނުކުރެވުނު ނަމަވެސް ރައްޔިތުންނާއެކު ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ވ. ރަކީދޫގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ޖެންޑާ މިނިސްޓްރީއާ ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އިބްތިހާލުގެ މައްްސަލާގައި ފުލުހުންނާ ޖެންޑާ މިނިސްޓްރީން ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމުގައި އަމަލު ކޮށްފައި ވަނީ ގެވެށި އަނިޔާގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ އިބްތިހާލުގެ މައްސަލާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ރަކީދޫ ކައުންސިލުންނާއި ޖެންޑާ މިނިސްޓްރީއާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިތުރުން ފުލުހުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
"ނަމަވެސް އަޅުގަނޑު ދަންނަވާލަން ރަކީދޫ ކައުންސިލުން މާ ބޮޑު ތަފްސީލީ މައުލޫމާތެއް ނޫން ފޮނުވާފައި އޮތީއެއް. ދެން މީގައި އަނެއް ކަމަކީ ފުލުހުން ކޮމިޓީއަށް ހުށަހަޅާފައިވާ މައުލޫމާތަކީ އިބްތިހާލު ނިޔާވުމަށްފަހު އެފަރާތުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު. އޭގެ ކުރިން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތެއް ހާމަކޮށްފައެއް ނެތް،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު ވ. އަތޮޅުގައި ހުންނަ ފެމެލީ އެންޑު ޗިލްޑްރަން ސާވިސް ސެންޓަރަ (އެފްސީއެސްސީ) އަށް ރަކީދޫ ކައުންސިލުން ގުޅައި އިބްތިހާލުގެ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށާއި އަދި އެވަގުތު ޖެންޑާ މިނިސްޓްރީއަށް އެ ސެންޓަރުން ގުޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ހިއްސާ ކުރި މައުލޫމާތުތަކުގައިވާ ކަމަށެވެ.
"އެ ދުވަހު ރަކީދޫއަށް ދެވިފައި ނުވަނީ ފުލުހުންނަށް އެ ދުވަހު ދަތުރު ކުރެވެން ނެތް ކަމަށް ބުނުމުން. އަދި އޭގެ އަނެއް ދުވަހު ރަކީދޫއަށް ތިން ފުލުހަކާއި އެފްސީއެސްސީގެ ދެ މުވައްޒަފެއް ވަނީ ގޮސްފައި ކަމަށް ޖެންޑާ އިން ބުނޭ. އަދި އެވަގުތު އިބްތިހާލު ހުރީ އޭނާ މަންމަގެ ތިމާގެ މީހެއް ގާތު ކަމަށް ވެސް ވޭ. އަދި އިބްތިހާލުގެ މަންމައާ އެފްސީއެސްސީން ސުވާލުކުރުމުން އެފަރާތަށް އެއްބާރުލުން ނުދޭ ކަމަށް ވެސް އެ މިނިސްޓްރީ އިން ހިއްސާ ކުރި މައުލޫމާތުތަކުގައި ބުނެފައިވެ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އިން މައުލޫމާތު ހިއްސާކޮށްފައިވީ ނަމަވެސް އެ މައުލޫމާތުތައް އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށާއި އެކަމުގައި ފުށުއެރުންތަކެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި އެފަދަ ކަންތައްތަކުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އަންގަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
އެމްޑީޕީ އިން މިހެން ބުނެފައިވާއިރު އިބްތިލާހުގެ އަނިޔާވެރި މަރުގެ މައްސަލަ ފެންމަތިވުމުގެ ކުރިން، އާފިޔާ، އިބްތިލާހަށް އަނިޔާ ކުރާ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ރަށު ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ. ޖެންޑާ އިން ބުނެފައި ވަނީ އިބްތިހާލުގެ މައްސަލަ ހުށަހެޅުމާއެކު އޭނާ ރައްކާތެރި މާހައުލެއްގައި ހުރިކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ކަމަށެވެ.
އިބްތިހާލަށް އަނިޔާކޮށް މަރާލިކަމުގެ ތުހުމަތުގައި އާފިޔާ ވަނީ ތަހުގީގަށް ބަންދުކޮށް 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.