ދައުލަތަށް ފައިސާ ދައްކަންޖެހި އެ ފައިސާ ނުދައްކާ ބަޔަކަށް ސަރުކާރުން ދޭ ހިދުމަތްތައް މެދުކަނޑާލުމަކީ ޤާނޫނު އަސާސީ އާއި ހިލާފު ކަމެއް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ފިނޭންސް މިނިސްޓުރީން 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ނެރެފައިވާ މާލިއްޔަތާބެހޭ ސާކިއުލާގައި ބުނެފައި ވަނީ އެއްވެސް ފަރާތަކަށް އޮޕަރޭޓިން ލައިސަންސް ދިނުމާއި އާ ކުރުމާއި ބަދަލުކުރުމުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން އެ މުއައްސަސާއަކުން މީރާއަށް ލިޔުމުން ހުށަހަޅައި ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

އެސާކިއުލާއަށް ތާއީދުކޮށް ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފައި ވަނީ ޓްރެވެލް ލޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓަރީކޮށް އޮޕަރޭޓްކުރަމުންދާ "ކޮންޓެ މެކްސް" ސަފާރީ އޮޕަރޭޓްކުރުމުގެ ހުއްދަ އައުކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅުމުން، އެ ހުއްދަ އައުކޮށްދެވެން ނެތް ކަމަށް އެ މިނިސްޓްރީން ނިންމައިފައިވުމުން އެއީ ޤާނޫނީ ގޮތުން ސައްހަ ނިންމުމެއް ނޫން ކަމަށް ބުނެ އެ ކަން ބާތިލުކޮށްދިނުމަށް އެ ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓުން ހުކުމް ކުރީ އެއީ ގާނޫނާއި ހިލާފް ކަމެއް ނޫން ކަމަށެވެ.

ސިވިލް ކޯޓުން ވަނީ މި މައްސަލައިގެ ތެރެއަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ތަދައްހުލްކޮށްފަ އެވެ.

އެ މައްސަލައިގައި ޓްރެވެލް ލޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދަޢުވާގައި ވަނީ އެ ސާކިއުލާގެ ދަށުން ކަމެއް ތަންފީޒުކުރަން ބޭނުންވާނަމަ އެ ކަން ކުރަން ޖެހޭނީ ފިނޭންސް މިނިސްޓުރީ ކަމަށާއި، ނަމަވެސް އެ މައްސަލައިގައި އެ ކަން ކޮށްފައި ވަނީ މީރާ އިން ކަމަށް ބުނެފަ އެވެ. އެގޮތުން އެ ސާކިއުލަރގެ ދަށުން އެ ފުރުސަތެއް މީރާއަށް ލިބިގެންނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުން އިއްވާފައިވާ ހުކުމްގައި ބުނެފައި ވަނީ ހުއްދަ އައު ކޮށްދިނުމާމެދު އެ ސާކިއުލާގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުން މީރާގެ ލަފައަކަށް އެދުމުން، އެ ކަމާމެދު މީރާއިން އިއުތިރާޒުކުރާކަމަށް ބުނެފައިވާ ބުނުމަކީ އެ ސާކިއުލާގެ ދަށުން މީރާއަށް ލިބިނުދޭ ބާރެއްގެ ބޭނުންކޮށްގެން ބުނެފައިވާ ބުނުމެއްކަމުގައި ބެލޭނެ ހަމައެއް ނެތްކަމަށެވެ.