13 Feb 2011, 13:40
ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ޕާޓީން ވަކި ކުރުމަށް އެދި މައުމޫން ސަޕޯޓަރުން ތައްޔާރުކުރާ ޕެޓިޝަންގައި ހަތަރު ދުވަސް ތެރޭ މާލޭން 8500 އަށް ވުރެ ގިނަ ޑީއާރްޕީ މެންބަރުން ސޮއިކޮށްފި އެވެ.
ދެ ބަޔަކަށް ބެހިފައިވާ ޑީއާރްޕީގެ ޒައީމް މައުމޫނަށް ތާއީދުކުރާ ފަރާތްތަކެއް އިސް ނަގައިގެން މި މަހުގެ ނުވަ ވަނަ ދުވަހު ސޮއިކުރަން ފެށި ޕެޓިޝަން ހިންގުމުގައި އިސްކޮށް އުޅުއްވާ، އޮފިޝަލު ވިދާޅުވީ ހަތަރު ދުވަސް ތެރޭ މާލޭގައި ތިބި ޑީއާރްޕީ ސަޕޯޓަރުންގެ ތެރެއިން 8533 މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވާއިރު ޕެޓިޝަންގައި ސޮއިކުރުން އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
"ޕެޓިޝަންގައި ސޮއިކުރުމުގެ މުއްދަތު އަޅުގަނުމެން އެއް ހަފުތާއިން އެއް މަސް ދުވަހަށް އިތުރުކޮށްލީ ހުރިހާ ރަށެއްގައިތިބި ޑީއާރްޕީގެ މެންބަރުންނަށް ވެސް މި ޕެޓިޝަންގައި ބައިވެރިވުމުގެ ފުރުސަތު ދޭންވެގެން،" ޕެޓިޝަން ހިންުގުމުގައި އިސްކޮށް ހަރަކާތްތެރިވާ އިސް އޮފިޝަލު ވިދާޅުވި އެވެ. މައުމޫނަށް ސަޕޯޓްކުރާ އަންހެން އެ އޮފިޝަލު ނޫހުގައި ނަން ހާމަކުރާކަށް ބޭނުންފުޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އަތޮޅުުތަކުގެ ރަށްރަށުގަ އާއި ރިސޯޓްތަކުގައި ވެސް ޕެޓިޝަންގައި ސޮއިކުރުން ނުވަނަ ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާއިރު މިވަގުތު ޕެޓިޝަންގައި ސޮއިކުރުން އެންމެ ބާރަށް ކުރިޔަށްދަނީ ސ. އަތޮޅާއި ގއ. ގދ. އާއި އއ. އަތޮޅުގައި ކަމަށެވެ. ޕެޓިޝަން ހިންގަން މ. އަތޮޅަށްދާ ޓީމް މިއަދު ފުރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި މި ހަރަކާތް ކުރިޔަށް އެބަދޭ. ހަމައެއާއެކު މާލޭގައި ވެސް އަދިވެސް ފުރުސަތު ވަނީ ސްޓާ ސިނަމާ ތިރީގައި ހުޅުވާލާފައި،" އެބޭފުޅާ ވިދާޅުވި އެވެ.
މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުގެ ޕެޓިޝަނުގައި ބުނަނީ ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރަކަށް ހުންނެވި އިބްރާހިމް ޝަރީފް ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްކޮށް ދައްކާފައިވާ ކަމަށް ބުނާ ވާހަކަތައް ހިމެނޭ ފޯންކޯލްގެ މައްސަލަ ޕާޓީގެ ކައުންސިލުން ބައްލަވައި ފިޔަވަޅު އަޅާ ކޮމެޓީއަށް ފޮނުއްވައި އޭނާ ޕާޓީން ވަކިކޮށްދެއްވުމަށް އެދޭ ކަމަށެވެ.
ޝަރީފްގެ ފޯންކޯލެއް ކަމަށް ބުނެ ޓީވީ ޗެނަލަކުން ލީކްކޮށްފައިވާ ފޯންކޯލްގައި ބުނަނީ "މައުމޫން އައްޑުއަށް އަރައިފިނަމަ ތަޅާބާލާނެ" ކަމަށެވެ.