12 Feb 2015, 12:00
ވަޒީފާ ނެތިފައި ޒުވާނުން ތިބެން ވެއްޖެނަމަ ގައުމުގެ ކުރިމަގަށް ހުރަސް އެޅޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ. "ސޭލްސް މުއައްޒަފުން ތަމްރީނުކުރުން" ޕްރޮގްރާމް ފެށުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 36 ޕަސެންޓު ހިއްސާ ކުރަނީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން 30 ނުވަތަ 40 ޕަސެންޓު ޒުވާނުންނަކީ ވަޒީފާނެއް ބައެއް ކަމަށެވެ. "އެހާގިނަ ޒުވާނުން ވަޒީފާ ނެތިފައ ތިބުމަކީ ގައުމުގެ ކުރި މަގަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އިގްތިސޯދަށް އެޅޭ ހުރަހެއް. ސަބަބަކީ އެފަދަ ޒުވާނުން ނުނިކުންނަ ވަޒީފާތަކަށް ބިދޭސީން އައްޔަންކޮށްގެން އުޅެންވެއްޖެ ނަމަ ރާއްޖޭގައި ހުންނަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ގައުމުން ބޭރުވޭ،" ޖިހާދު ވިދާޅުވި އެވެ. ސޭލްސްގެ ވަޒީފާއަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ އެ ވަޒީފާއިން ބިދޭސީން ދުރުކޮށް، ސޭލްސްގެ ވަޒީފާ އަކީ ދިވެހިންނަށް އަދާ ނުކުރެވޭ ވަރުގެ ވަޒީފާއެއް ނޫން ކަމަށާއި އެ ވަޒީފާއަށް ތިން ދުވަސް ތެރޭގައި 517 މީހުން ކުރިމަތިލާފައި ވުމުން ވަޒީފާއަށް ދިވެހި ޒުވާނުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ. ރާއްޖޭގައި ވަޒީފާއަށް ނުގޮސް ބައެއް ޒުވާނުން ތިބޭއިރު، އެމީހުންނަށް އަދާކުރެވޭ ފަދަ ވަޒީފާތަކުގައި ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އެހެންކަމުން އެފަދަ ވަޒީފާތަކަށް ދިވެހިން ހަމަޖައްސައިފި ނަމަ ބިދޭސީ މުއައްޒަފުންގެ ސަބަބުން ގައުމުން ބޭރުވާ ފައިސާ ގައުމުގައި ހިފެހެއްޓޭނެ ކަމަށް ޖިހާދު ވިދާޅުވި އެވެ. އެހެންކަމުން ކޭޝިއަރުން ނުވަތަ ސޭލްގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ ބިދޭސީން އެ މަގާމުން ދުރުކޮށް އެފަދަ ވަޒީފާތަކަށް ދިވެހިން ހަމަޖައްސައި ދިނުމަށް ހުރިހާ ވިޔަފާރިވެރިންގެ ފަރާތުން ޖިހާދު އެދިލެއްވި އެވެ.