އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެވަނަ އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރު (އޭއެލްއެޗް) މިހާރު އޮތީ ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައި ކަމަށް އެ ގައުމުން ބުނެފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ އެ ހެލިކޮޕްޓަރު މިހާރު އޮތީ ރާއްޖޭގެ ކުލަތަކުން ދަވާދުލައި، ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައި ކަމަށެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާ ކުރި ދެވަނަ ހެލްކޮޕްޓަރު ފޯރުކޮށް ނުދީ ހިފަހައްޓާފައިވާ ކަމަށް ފެތުރިފައިވާ ވާހަކަތަކާއި އެ ނޫން ވެސް ބައެއް ވާހަކަ ތަކަށް ރައްދު ދިނުމަށް މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހެލްކޮޕްޓަރު ގެންގުޅުމަށް އުމްރާނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ނިމުމުން ގެންނާނެ ކަމަށެވެ.

"... ހޭންގަރާއި އެހެން އިންފްރާ ސްޓްރަކްޗާ އެމްއެންޑީއެފުން ގާއިމް ކުރުމުން ގެނައުމަށް، ހެލިކޮޕްޓަރު އޮތީ ރާއްޖޭގެ ކުލަތަކުން ދަވާދުލައި ތައްޔާރުކޮށްފަ އެވެ،" ބަޔާނުގައި ވެއެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް ދިވެހި ސިފައިން ތަމްރީނު ކުރުމަށް އިންޑިއާއިން ދެކޮޅު ހަދަމުންދާ ކަމަށް ފެތުރިފައިވާ ވާހަކަތައް ވެސް ބަޔާނުގައި ދޮގުކޮށްފައި ވެއެވެ. ބުނެފައި ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އިންޑިއާ އިން ތަފާތު ގިނަ ތަމްރީނު ފުރުސަތުތައް ދީފައިވާ ކަމަށެވެ. އެގޮތުން ޓެކްނީޝަނަކާއި ފްލައިޓް އިންޖިނިއަރެއް މިހާރުވެސް ތަމްރީނުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އޭލްއެޗް އޮޕަރޭޓްކުރާ ޕައިލޮޓުންގެ ގޮތުގައި ސިފައިން ތަމްރީނު ކުރުމަށް މިއަހަރު ދެ ފުރުސަތު ދީފައިވާ ކަމަށް ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށް، އަދި އިންޑިއާ ސިފައިން އޮޕަރޭޓްކުރަމުން އަންނަ "ކުރަނގި" ހެލިކޮޕްޓަރު އެމްއެންޑީއެފްގެ ހުއްދައާ ނުލައި ރާއްޖޭގެ ބައެއް ތަންތަނަށް އުދުހުނު ކަމަށް ބައެއް މީހުން ފަތުރާފައިވާ ވާހަކަ ވެސް ބަޔާނުގައި ވަނީ ދޮގުކޮށްފަ އެވެ. ބުނެފައި ވަނީ އެ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ އިންޑިއާ ސިފައިން ހަރަކާތްތެރި ވަނީ އެމްއެންޑީއެފްގެ އަމުރުގެ ދަށުން ކަމަށެވެ.

ރާއްޖެއާ އިންޑިއާއާއި ދެމެދު ސަލާމަތީ ކަންކަމުގައި އޮންނަ ގުޅުމަކީ އިތުބާރުގެ މަތީގައި ބިނާވެފައިވާ ގުޅުމެއް ކަން އެގައުމުން ފާހަގަކުރެއެވެ.

"... އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ސަލާމަތީ ކަންކަމުގައި އޮތް ގުޅުން ބިނާވެފައި އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި އިހުތިރާމްގެ މަތީގައެވެ،" ބަޔާނުގައި ވެއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރާނެ ޕައިލޮޓުން ތަމްރީނު ކުރުމަށް އިންޑިއާއިން ރާއްޖެއަށް ހުށަހެޅި ފުރުސަތު ރާއްޖޭން އަދި ބަލައިގެންފައެއް ނުވެއެވެ. އޭގެ ބަދަލުގައި ރާއްޖޭން ހުށަހަޅާފައި ވަނީ މިހާރުވެސް އޮޕަރޭޓްކުރާ ގޮތަށް އިންޑިއާގެ ޕައިލޮޓުން ދެ ހެލިކޮޕްޓަރުވެސް އޮޕަރޭޓް ކުރުމަށެވެ.