12 Feb 2015, 11:01
ވައިގެ މަގުން ރާއްޖެ އެތެރެ ކުރި ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ބެންގަލޫރުން މާލެއައި އުމުރުން 21 އަހަރުގެ އަންހެނަކާއި 22 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ކްރިމިިނަލް ކޯޓުން އިތުރުކޮށްދީފައި ވަނީ އިއްޔެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެމީހުންގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ފެނިފައިވަނީ އެދެމީހުންގެ ފޮށިތަންމަތި ބަލައި ފާސް ކުރުމުގެ ތެރެއިން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ އަންހެން މީހާގެ ފޮށިތަންމަތި ބަލައި ފާސްކުރިއިރު، އޭނާގެ ދަބަހުގައި ހުރި ޑައެޓްރީ ފައިބަރ ދަޅުތަކެއްގެ ތެރޭ ފޮރުވާފައިވާ ހަތަރު ޕެކެޓް ހެރޮއިން ފެނިފައިވާ ކަމަށެވެ. އަދި އޭގެ ބަރުދަނުގައި 758 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މީގެ އިތުރުން ވެސް ފިރިހެން މީހާގެ ދަބަހުގެ ތެރޭ ހުރި ޑައެޓްރީ ފައިބަރ ދަޅުތަކެއްގެ ތެރޭ ފޮރުވާފައި ހުރި ހަތަރު ޕެކެޓް ވެސް ވަނީ ފެނިފަ އެވެ. އެ އެއްޗެހީގެ ބަރުދަނުގައި ޕެކިނާއެކު 768 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.