12 Feb 2015, 10:54
މަސްމާރުކޭޓު ކުރިމައްޗަށް ވާގޮތަށް އޮންނަ ބަނދަރުގައި އަޅާފައި އޮތް 40 ފޫޓުގެ ކަންނެލި ދޯންޏެއް އޯވަލޯޑް ވުމުގެ ސަބަބުން އެއްކޮށް އަޑިއަށްގޮސްފި އެވެ.
މިއަދު ހެނދުނު 7:30 ހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް ދޯނީގެ އިންޖީނުވެސް އެއްކޮށް އަޑިއަށް ގޮސްފައިވާތީ އިންޖީނަށް ވަނީ ގެއްލުންތަކެއް ވެފައެވެ.
ސަން އަށް މައުލޫމާތު ދެމުން ދޯނި އަޑިއަށް ދިޔަ ސަރަހައްދުގައި ހުރި މީހަކު ބުނީ ފައިބަރުން ހަދާފައިވާ އެ ދޯނި އަޑިއަށް ދިޔައީ "އޯވާލޯޑް" ވުމުން ކަމަށެވެ. ނަމަވެސް ދޯނި ދިޔަވާން މެދުވެރިވި ސަބަބެއް ބުނެދޭން ނޭންގޭ ކަމަށާއި ދޯނީގައި ހުރި ކަންނެލި ފޮށީގެ ދެ ފޮށި ފުރެންދެން އައިސް އަޅާފައިވާ އިރު ގިނަ އަދަދަކަށް ބޮޑަތި ކަންނެލި މަސް އެ ދޯނީގައި ހުރިކަމަށް އޭނާ ބުންޏެވެ.
އެ ދޯންޏަކީ މަސްވެރިކަމަށް ނުނިކުމެ، ބަނދަރުގައި އޮވެގެން ކަންނެލި ގަނެވިއްކުމުގައި ބޭނުންކުރަމުން އަންނަ ދޯންޏެއް ކަމަށާއި، އެގޮތުން އެ ދޯނި ބަނދަރުގައި އޮންނަތާ "ފުދޭވަރަކަށް ދުވަސްވެއްޖެ" ކަމަށް އޭނާ ބުންޏެވެ.
ދޯނި އަޑިއަށް ދިޔުމުން، ފީފާ ޖަހައިގެން އެ ދޯނި ނެގުމުގެ މަސައްކަތް ދޯނީގައި މަސައްކަތްކުރާ މީހުން ދަނީ ކުރަމުންނެވެ.