ގައުމީ ޔުނިވާސިޓީ ހިންގުމަށް މާލެއިން ބިން ލިބޭނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށާއި މިހާރުގެ އަމާޒަކީ އަތޮޅުތެރޭގައި މަތީ ތައުލީމްގެ ފުރުސަތު ފަހި ކުރުން ކަމަށް ޔުނިވާސިޓީއިން ބުނެފިއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލާ ހުސައިން ހަލީމް ވިދާޅުވީ އެޔުނިވާސިޓީ ހިންގުމަށް މާލެއިން އިތުރު ބިން ނުލިބޭނެތީ މިހާރު ވިސްނުންހުރީ އަތޮޅު ތެރޭ ކެމްޕަސްތަކުގެ ފެންވަރު ރަނގަޅުކޮށް އެތަންތަނަށް ކޯސްތައް ބަދަލުކުރުން ކަމަށެވެ.

"އަޅުގަނޑުމެންވެސް ގަބޫލް ކުރަން މާލެއިން ދެން އިތުރު ބިން ނުލިބޭނެ ކަމަށް، އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސަތުތައް ރާވާފައި މިހިރީ އަތޮޅު ތެރޭގެ ކެމްޕަސްތައް ތަރައްގީކޮށް ކެމްޕަސްތަކުގައި ކިޔަވައިދޭ ފެންވަރު ރަނގަޅުކޮށް އެތަންތަންނުންވެސް މާލޭގައި ހިންގާ ކޯސްތަކަށް ފުރުސަތު ހޯދައިދިނުން،" ހުސައިން ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމަށްޓަކައި ވަރަށް ގިނަ ކެމްޕަސްތަކުގައި ޑިގްރީ ކޯސްތައް ފެށިފައިވާއިރު އަނެއް ބައި ކެމްޕަސްތަކުގައި މާސްޓާ ކޯސްތައްވެސް ފެށިގެންދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޔުނިވާސިޓިއިން ބޮޑަށް އިސްކަން ދީފައިވާނީ އަތޮޅުތެރޭ ކެމްޕަސްތައް ތަރައްގީ ކުރުމަށާއި އެތައްތަނަށް ކޯސްތައް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއަށް ލޯޑު ކުޑަކުރަން އަޅުގަނޑުމެންނަށް ކުރެވެން ހުރި ވަރަށް ގިނަ މަސައްކަތްތަކެއް މިދަނީ އެކި ސަރަހައްދުތަކުގައި ކުރަމުން،" ހުސައިން ހަލީމް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓިއަށް އެތައް ބިމެއް ދިނުމުންވެސް އެކަމަށް އެޔުނިވާސިޓީއިން އިޖާބަ ނުދޭކަމަށް ސަރުކާރުން ބުނެފައިވުމުން ހުސައިން ހަލީމް ވިދާޅުވީ އެކި މަރުހަލާތަކުގައި ބިންތައް ދީފައިވާ ކަމަށާއި ނަމަވެސް ބިންތައް ދީފައި ވަނީ ވަކި ޚާއްސަ ޕުރޮޖެކްޓްތަކަކަށް ކަމަށެވެ. އެހެން ކަމުން ޔުނިވާސިޓީން ބޭނުންވާގޮތަށް އިމާރާތް ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ބޭނުން ނުކުރެވި އޮތީ އެންމެ ބިމެއް ކަމަށާއި އެއީ ޓޫރިޒަމް ފެކަލްޓީއާ ޖެހިގެން އޮންނަ ބިމެއް ކަމަށާއި އެތަން ބޭނުން ނުކުރެވި އޮތީ އެ ފެކަލްޓީ އިމާރާތް ކުރި ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ބިމެއް ނުދީ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.