ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ގެއިން ފެނުނު ހަނގުރާމަވެތި ހަތިޔާރުތަކަކީ ފުލުހުން އެގެއަށް ވެއްދި ތަކެތި ކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ދައްކާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަޙްޤީޤު ނިމިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނި ކަމަށް ބުނެ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ކޯޓުގައި ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަޙްޤީޤު އެއްކޮށް ނުނިމޭ ކަމަށާއި ފޮރެންސިކް ޕްރޮސެސް ވެސް އެއްކޮށް ނުނިމޭ ކަމަށް ބުނެފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އެ މައްސަލާގައި ފުލުހުންނަށް ލިބިފައިވާ ހެއްކާއި ޤަރީނާގެ ހުރިހާ މަޢުލޫމާތެއް ނާޒިމްގެ ޤާނޫނީ ޓީމަށް ޙިއްސާ ނުކުރިނަމަވެސް މައްސަލަ އާއި ގުޅިގެން އަމުރުތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށެހެޅި ހުށަހެޅުމުގަ އާއި މުއްދަތު މަޖިލީހުގައި ހުށަހަޅާފައި ވާނީ ފުލުހުންނަށް ލިބިފައިވާ ތެދު މަޢުލޫމާތެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ފަނޑިޔާރުންނަށް ހަޤީޤަތް އޮޅޭފަދަ މަޢުލޫމާތެއް ހުށަހަޅާފައި ނުވާނެ ވާހަކަ ދަންނަވަމެވެ." ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ނާޒިމް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރު ހޯދުމުގައި ކޯޓަށް ނުރަނގަޅު މަޢުލޫމާތު ދީފައިވާ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހްޤީގު އެކި މަރުހަލާތަކުގައި ކޯޓުން އަމުރު ހޯދުމަށް އަބަދުވެސް ކޯޓަށް ހުށަހަޅާފައިވާނީ ފުލުހުންނަށް ލިބިފައިވާ ހެއްކާއި ޤަރީނާ އާއި، އެކަމާއި ގުޅޭ ތެދު މަޢުލޫމާތު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންގޮސްފައި ވަނީ ޕީޖީގެ އެކަމަށް ލަފާ ދެއްވުމުން ކަމަށެވެ. އެގޮތުން ޕީޖީގެ ލަފާ ލިޔުމުން ލިބި އަދި އެ ލިޔުން ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ކޯޓުން ވަނީ އެ ލިޔުން ނާޒިމްގެ ލީގަލް ޓީމުގެ ފަރާތުން ކޯޓަށް ދިޔަ ޓީމަށް އެ ލިޔުން ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މިމައްސަލައާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ތުހުމަތުތަކެއް ކަމަށާއި، މިގޮތުން މުޙައްމަދު ނާޒިމް، ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގެ އިތުރުން، އިތުރު ބަޔަކާއި ބައިވެރިވެގެން ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގުމަށް ރާވަމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅޭގޮތުން ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުގެ ތެރެއިން، މުޙައްމަދު ނާޒިމްއަށާއި، އެބޭފުޅާގެ ލީގަލްޓީމާ ޙިއްސާކުރެވެން ހުރި މަޢުލޫމާތު ވާނީ ޙިއްސާކޮށްފައެވެ. އަދި މައްސަލައެއްގެ ތަހްޤީޤަށް ހޯދޭ ހުރިހާ މަޢުލޫމާތަކީ މުޙައްމަދު ނާޒިމާއި، އޭނާގެ ލީގަލް ޓީމަށް ޙިއްސާކުރެވޭނެ މަޢުލޫމާތު ނޫންކަމުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ނާޒިމް މައްސަލައިގެ ތަހްޤީޤުގައި ހަމަޖެހިފައިވާ އުސޫލްތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް އެއްވެސް ކަމެއް ފުލުހުން ކޮށްފައި ނުވާނެ ކަމަށެވެ.