12 Feb 2015, 10:07
މިންސްކް (ފެބްރުއަރީ 12) : ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވުމަށްޓަކައި ބެލަރޫސްގެ ވެރިރަށް މިންސްކްގައި ޔުރަޕްގެ ހަތަރު ގައުމެއްގެ އިސްވެރިން ބައްދަލުކުރައްވައިފި އެވެ.
ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިންއައި ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލް އާއި ޔުކްރޭންގެ ރައީސް ބީތްރޯ ބޯޝިންކޯއާއި ފަރަންސޭސި ރައީސް ފޮންސްވާ އޮލާންދް، ބައިވެރިވެވަޑައިގެންނެވި މިސަމިޓް ބައްދަލުވުމުގެ ބޭނުމަކީ ޔުކްރޭނަށް ސުލްޙަ ގެނައުމަށްޓަކައި ޔޫރަޕްގެ ގައުމުތަކުން އެކުލަވާލާފައިވާ ސުލްޙައިގެ މަޝްރޫޢާބެހޭގޮތުން މަޝްވާރާކޮށް ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުން ކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަންފެބިއޮސް ވިދާޅުވިއެވެ.
ޔުކްރޭންގައި ހަނގުރާމަ ހިނގަމުންދަނީ ހުޅަނގުގެ ތާއީދު ލިބިފައިވާ ޔުކްރޭންގެ ސަރުކާރު ސިފައިންނާއި ރަޝިޔާގެ ތާއީދު ލިބިފައިވާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުގެ މެދުގައެވެ. މިދިޔައަހަރުގެ މާޗް މަހު ފެށުނު ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގާ މިހާތަނަށް ފަސްހާހަށްވުރެ ގިނަމީހުން މަރުވެފައިވާއިރު ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގެ ބޮޑުބައެއް ސުންނާފަތިވެ ތިރީހަކަށް ހާސްމީހުންވަނީ ޙާލުގައި ޖެހިފައެވެ. (ރޮއިޓާސް)