ވޮޝިންޓަން (ފެބްރުއަރީ 12): އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސްއާ ދެކޮޅަށް އެމެރިކާގެ އެއްގަމު ސިފައިން ބޭނުންކޮށްގެން ހަނގުރާމަ ކުރުމުގެ ހުއްދައަކަށް ރައީސް ބަރަކް އޮބާމާ، އެ ގައުމުގެ ކޮންގްރެސް އަށް ހުށަހަޅުއްވައިފި އެވެ.

ވައިޓް ހައުސް ބުނާ ގޮތުން އެ މަޝްރޫޢުގައި ހިމަނާފައި ވާނީ އައިއެސް އާ ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމައިގައި އެއްގަމު މަގުން ހަނގުރާމަ ކުރަން ޖެހިއްޖެ ޙާލަތެއްގައި އެމެރިކާގެ އެއްގަމު ސިފައިންގެ ލަޝްކަރެއް ސީރިޔާއަށް ނޫނީ އިރާގަށް ފޮނުވަން ޖެހިއްޖެނަމަ އެކަމުގެ ހުއްދަ ދިނުމަށެވެ. މި މަޝްރޫޢުގައި އައިއެސް އާ ދެކޮޅަށް އެމެރިކާގެ އެއްގަމު ސިފައިން ބޭނުން ކުރުން ހިމެނިފައި ވަނީ ބޭނުންވެއްޖެ ޙާލަތެއްގައި އެކަނި ކަމަށާއި ދެމިގެންވާ ގޮތަކަށް އެއް ގައުމު ސިފައިން ހަނގުރާމައިގައި ބައިވެރިކުރުމުގެ ހުއްދައަށް އެދުން މި މަޝްރޫޢުގައި ހިމެނިފައިނުވާ ކަމަށްވެސް ވައިޓް ހައުސް ބުނެއެވެ.

އެމެރިކާގެ ސިފައިން ހަނގުރާމައެއްގައި ބައިވެރި ކުރުމަށް ފަހުގެ ތާރީހެއްގައި ކޮންގްރެސްއިން ހުއްދަ ދީފައި ވަނީ 2001 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި 2002 ވަނަ އަހަރު އިރާގާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. މި ދެހަނގުރާމައިގެ ތެރެއިން އިރާގު ހަނގުރާމައިގާ އެމެރިކާއަށް ބޮޑެތި ނާކާމިޔާބީތައް ކުރިމަތިވެ އެމެރިކާއަތުން ތިން ޓްރިލިޔަން ޑޮލަރުގެ ފައިސާ ޚަރަދުވެފައިވާއިރު އަފްޣާން ހަނގުރާމައިގައި ވެސް ތާލިބާނުންގެ ވެރިކަން ވައްޓާލެވުނު ނަމަވެސް އެޖަމާއަތް ބަލިކޮށްލެވިފައެއް އަދި ނައްތާލެވިފައެއްވެސް ނުވެއެވެ. އިރާގާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހުއްދައަށް އެދި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔުބުޝް ކޮންގްރެސް އަށް ހުށަހެޅުއްވި މަޝްރޫޢާ ދެކޮޅު ހެއްދެވި ކޮންގްރެސްގެ މެންބަރުންގެ ތެރޭގައި އޮބާމާ ހިމެނިވަޑައިގެންނެވި އެވެ.

އެމެރިކާ ގެންދަނީ މިދިޔަ އަހަރުން ފެށިގެން އައިއެސްގެ އަމާޒުތަކަށް ވައިގެ ޙަމަލާތައްދެމުންނެވެ. ނަމަވެސް މި ޙަމަލާތައް އޮބާމާގެ ސަރުކާރުން ދެމުންގެންދަނީ އިރާގާ ހަނގުރާމަ ކުރުމުގައި އެމެރިކާ ސިފައިން ބޭނުންކުރުމަށް 2002 ވަނަ އަހަރު ކޮންގްރެސްއިން ދީފައިވާ ހުއްދައިގެ މައްޗަށް ރިޢާޔަތް ކޮށްގެންނެވެ. ނަމަވެސް އެމެރިކާ ސަރުކާރުންވަނީ އިރާގު ހަނގުރާމަ ނިމިއްޖެކަން އިޢްލާން ކުރުމަށްފަހު 2011 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގުން ބާލާފާ. އައިއެސް އާ ދެކޮޅަށް އިރާގާއި ސޫރިޔާގެ މަގުން ހަނގުރާމަ ކުރުމުގައި އެމެރިކާގެ ލަޝްކަރުތައް ބޭނުންކުރުމުގެ ހުއްދައަކަށް އޮބާމާ އެދިވަޑައިގެންނެވީ ބިންމަތިން ހަނގުރާމަ ނުކޮށް އައިއެސް ޖަމާއަތް ބަލިނުކުރެވޭނެކަން އެމެރިކާގެ އިސްޖެނެރަލުންނަށް ކަށަވަރުވުމުންނެވެ.

ނަމަވެސް އައިއެސްފަދަ ބާރުގަދަ އަދި ނުރައްކާތެރި ޖަމާއަތަކާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަ ކުރުމަކީ އެމެރިކާ ސިފައިންފަދަ ނިޒާމީ ސިފައިންގެ ލަޝްކަރަކަށް ފަސޭހަކަމެއް ނޫނެވެ. އަދި މިއީ އަސީރުންގެ ގޮތުގައި އެމެރިކާ ސިފައިންގެ ބައެއްމީހުން އައިއެސް ޖަމާއަތުގެ އަތްދަށުގައި ހައްޔަރު ވުމުގެ ފުރްސަތުވެސް އޮތްކަމެކެވެ. އައިއެސްއަކީ އެޖަމާއަތުގެ އަތްދަށުގައިވާ އަސީރުން ދިރިތިއްބައި އަލިފާނުން އަންދައިގެން މަރަމުން ގެންދާ ހަރުކަށި ޖަމާއަތެއްކަމަށްވާތީ އައިއެސްއާ އެއްގަމު މަގުން ކުރިމަތިލުމަކީ އެމެރިކާ ސިފައިން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމެއްކަމަށް ރިޕޯޓްތައްބުނެއެވެ. (ނޫސްއެޖެންސީތައް)