ބ. އަތޮޅު ކިހާދުއްފަރު ރިސޯޓުން ސަރުކާރަށް ދައްކަން ޖެހޭ ޓޫރިޒަމް ޓެކުހާއި ޖޫރިމަނާގެ ގޮތުގައި ނުދައްކައި އޮތް 4.8 މިލިޔަން ރުފިޔާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް މައްސަލަ ވެއްދިތާ ހަފުތާއެއް ނުވަނީސް އެ ފައިސާ އެ ރިސޯޓުން ސަރުކާރަށް ދައްކައިފި އެވެ.

މިރާ އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނަނީ ކިހާދުއްފަރުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ވަނީ އެ ރިސޯޓް އޮޕަރޭޓް ކުރަމުން އަންނަ ވަލްތޫރާ މޯލްޑިވްސްގެ ހެޑް އޮފީހުން ސީދާ މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ އަށް ކަމަށެވެ. އަދި ބުނެފައި ވަނީ އެ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން މިހާރު އެ ކުންފުންޏާ ގުޅޭ ގޮތުން ކޯޓަށް ވައްދާފައިވާ މައްސަލަ އަނބުރާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ކިހާދުއްފަރު ރިސޯޓުން ސަރުކާރަށް ދައްކަން ޖެހެނީ، 2009 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ހަ މަސް ދުވަހުގެ ނިޔަލަށް ސަރުކާރަށް ދައްކަން ޖެހޭ 251224 ޑޮލަރު (3.2 މިލިޔަން ރުފިޔާ) އާއި މުއްދަތަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 1.6 މިލިޔަން ރުފިޔާ އެވެ.

މީގެ ކުރިން އެ ފައިސާ ދެއްކުމަށް 10 ދުވަހުގެ ނޯޓިސްއެއް މީރާ އިން ކިހާދުއްފަރު ރިސޯޓަށް ދީފައިވެ އެވެ. އެހެންނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ ފައިސާ ވަނީ އެ ރިސޯޓުން ސަރުކާރަށް ނުދައްކަ އެވެ.
މިރާ އިން ބުނީ އެގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނު ބުނާ ގޮތުން ރިސޯޓުތަކުން ދައްކަން ޖެހޭ ފައިސާ ސަރުކާރަށް ނުދައްކާ ނަމަ އެ ރިސޯޓެއްގެ ލައިސަންސް ބާތިލު ކުރުމުގެ އިހުތިޔާރު ގާނޫނުން ޓޫރިޒަމް މިނިސްޓަރީއަށް ލިބިދެ އެވެ.