ސޭލްސް ގެ ދާއިރާއަށް ދިވެހިން އިތުރުކުރުމުގެ މަގްސަދުގައި އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ 2000 ސޭލްސް މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި އެވެ.

އެކަމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

އެ ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ކޮމިއުނިކޭޝަން ސްކިލްސް، ޕާސަނަލް އެތިކްސް އާއި ފޮތް ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން ފަދަ ކަންތައްތަކާއި ސޭލްސްގެ ވަޒީފާގައި އުޅޭއިރު މާކެޓް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ. އޭގެ އިތުރުން ވިޔަފާރީގައި ބޭނުންކުރާ އެކި ސޮފްޓްވެއާ ތަކާ ގުޅޭގޮތުންނާއި އެހެނިހެން ކަންތައްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެ އެވެ.

މުއާސަލާތީ ކުންފުނި ދިރާގުން ސްޕޮންސާކޮށް، ފަންނީ އެހީތެރިކަން ފޯރުކޮށްދީގެން، ފުލުހުންނާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ ޕްރޮގްރާމްގައި ތިން ދުވަސް ތެރޭ 519 މީހެއް މިހާރު ވަނީ ބައިވެރިވެފަ އެވެ.

އެ ޕްރޮގްރާމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ސޭލްސްގެ ވަޒީފާ އަކީ ދިވެހިންނަށް ވެސް ފަސޭހަކަމާ އެކު އަދާކުރެވިދާނެ ވަޒީފާއެއް ކަމަށާއި އެފަދަ ވަޒީފާތަކުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގައި، ރާއްޖެއިން ބޭރުނުވެ ހުންނަން ޖެހޭ އެތައް ފައިސާއެއް ރާއްޖެއިން ބޭރުވާ ކަމަށެވެ.

އެހެންކަމުން އިގްތިސޯދު ހަރުދަނާކޮށް، ގައުމުން ބޭރުވާ ފައިސާ ހިފެހެއްޓުމަށްޓަކައި ސޭލްސްގެ ދާއިރާއިން ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާ ހޯދައިދިނުމަށް ވިޔަފާރިވެރިންގެ ކިބައިން މިނިސްޓަރު އެދިލެއްވި އެވެ.

އެ ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވާން ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 50 ފަރާތަކަށް މިހާރު ވަނީ ޕްރޮގްރާމްގައި ބައިވެރިވެވޭ ކަމުގެ ސިޓީ ހަވާލުކޮށްފަ އެވެ.

އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ނުބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.