12 Feb 2015, 09:44
ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންކުރާ އުޅަނދުތަކެއް ބަންގްލަދޭޝް އިން ގަތުމަށް ރާއްޖޭން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ރާއްޖޭން އެކަމަށް ޝައުވެރިވާކަން ހާމަކުރެއްވީ މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމެވެ. ބަންގްލަދޭޝްގެ ބީޑީނިއުސް24 އިން އަންގާރަދުވަހު ބުނީ އެ ގައުމުގެ ބޮޑުވަޒީރު ޝެއިޚު ހަސީނާގެ އަރިހަށް ޖެނެރަލް ޝިޔާމް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި އެކަމަނާއަށް އެކަން އަންގަވާފައިވާ ކަމަށެވެ.
ބަންގްލަދޭޝްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖެނެރަލް ޝިޔާމް ވަނީ އެ ގައުމުގައި އެފަދަ އުޅަނދުތައް ބަންނަ ތަނެއް ކަމަށްވާ ޚުލްނާ ޝިޕްޔާޑަށް ޒިޔާރަތް ކުރައްވާފަ އެވެ. ޝައިޚު ހަސީނާ އަރިހަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ޚުލްނާ ޝިޕްޔާޑަށް ޖެނެރަލް ޝިޔާމް ތައުރީފު ކުރެއްވި ކަމަށް ޝައިޚު ހަސީނާގެ ތަރުޖަމާން އޭކޭ އެމް ޝަމީމް ޗައުދަރީއާ ހަވާލާދީ ނޫހުގައިވެ އެވެ.
ރާއްޖޭގެ އިގުތިސާދުގައި ބަންގްލަދޭޝް މީހުން އަދާކުރާ ދައުރަށް ވެސް ޝިޔާމް ވަނީ ތައުރީފު ކުރައްވާފަ އެވެ. އަދި މާލޭން ފެން ކެނޑު ހާދިސާގައި އެގައުމުން ފޯރުކޮށްދިން އެހީތެރި ކަމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.