12 Feb 2015, 09:12
ދެހާސް ފަސް ވަނަ އަހަރުން ފެށިގެން އެތައް ސިޓީ ބިޓީއެއް ބަދަލުކޮށްފި އެވެ. އެތައް 'މީޓިން'އެއްވެސް ބާއްވައިފި އެވެ. މި ވާހަކަތައް އެތައް ނޫހެއްގެ "ފަލަ ސުރުހީތަކަށް"ވެސް އަރައިފި އެވެ. ދަރިވަރުން ނުކުމެ އެތައް މުޒާހަރާއެއްކޮށް އެތައް ޕެޓިޝަނެއްވެސް ހަދައިފި އެވެ. ނަމަވެސް "ބާ ޖަމާލުއްދީން"ގެ މައްސަލައިގައި މިއަދާ ހަމައަށް ވީކަމެއް "ހަރާމެ"ވެ. އެބަޔަކު ހަމަ އެބަޔެއްގެ ކޮޅަށް ވަކާލާތުކޮށްކޮށް ދިގު ދަންމަނީ އެވެ. ދަރިވަރުންގެ މާޔޫސްކަން ވަނީ އިތުރެވެ.
ދޭތެރެ ދޭތެރެއިން ހިލެމުން އަންނަ މައްސަލަ އަނެއްކާ ވެސް މިވަނީ ހިލިފަ އެވެ. އެތައް ދަރިވަރުންނަކާއި ބެލެނިވެރިންނެއް މާޔޫސް ކޮށްލައިފި އެވެ. މިއީ ޒަމާންވީ މައްސަލައެކެވެ. މިފަހަރު މިކަން ހިލިގެން މިއުޅެނީ ހަތް ދުވަހުގެ ތެރޭގައި އެ އިމާރާތް ހުސްކުރުމަށް ސަރުކާރުން ޔުނިވާސިޓީއަށް އެއްގުމުންނެވެ. ސަރުކާރުން ދައްކަނީ ހަމަ ކުރިން ވެސް ދެއްކި ވާހަކަ އެވެ. ޔުނިވާސިޓީން ވެސް ކިޔަނީ "ކުރިންކީ ލަވަ"އެވެ. ހައްލެއްގެ މަންޒަރެއް ނުފެނެއެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ހުސެއިން ފާއިޒް ވިދާޅުވި ގޮތުގައި ސަރުކާރުން ބާ ޖަމާލުއްދީން ހުސްކުރަން ބޭނުންވާ ސަބަބަކީ އެއީ ރައްކާތެރި އިމާރާތަކަށް ނުވުމުން ކުދިންނަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. ނަމަވެސް ޔުނިވާސިޓީން މަޝްވަރާ ކުރަން އެދޭ ކަމަށް ވާނަމަ އިތުރު ފުރުސަތެއް ދޭނެ ކަމަށް ވިދާޅުވި އެވެ.
"އެތަނުން ދަރިވަރުން ނެރެން މި އުޅެނީ އިމާރާތް ބާވެ، އެއީ ދަރިވަރުންނަށް ރައްކާތެރިތަނެއް ނޫންވީމައި. ދަރިވަރުން ރީލޮކޭޓް ކުރާނެ ޕްލޭނެއް ހުށަހެޅުމަށް އަޅުގަނޑުމެންނަށް އިތުރު މުއްދަތެއް ދެވިދާނެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި ދަރިވަރަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ އެތަނުން،" ފާއިޒު ވިދާޅުވި އެވެ.

މިއީ އެތައް ހާސް ބަޔެއްގެ ކަންބޮޑުވުމެކެވެ. އެންމެން ކުރާ ސުވާލަކީ މަތީ ތައުލީމް ހާސިލް ކުރާ 1300 ދަރިވަރުންނަށް ވާނީ ކިހިނެއްބާ އެވެ. އެއީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، ފެކަލްޓީ އޮފް އާޓްސް އަދި ސެންޓަ ފޯ އޯޕަންލާނިންގެ އިތުރުން ދަރިވަރުންގެ އިދާރީ ހުރިހާ ހިދުމަތެއް ދެމުންގެންދާ މައި މަރުކަޒެވެ. ސަރުކާރުގެ އެ ނިންމުމާއެކު ޔުނިވާސިޓީ މަގުމަތިވަނީބާ އެވެ؟
ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ދާ ބާ ޖަމާލުއްދީން ކުއްލިއަކަށް ހުސްކުރުމަށް ސަރުކާރުން އެންގުމަކީ ކަންބޮޑުވާ ކަމެކެވެ. އެތަނުގައި ހިންގާ ފެކަލްޓީތަކާއި، އިދާރީ މަސައްކަތްތަށް ބަދަލުކުރާނެ އިމާރާތެއް ނެތި ތަން ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ޔުނިވާސިޓީގެ އެހެން އިމާރާތްތަކުގައި އެޖާގަ ނެތް ކަމަށް ވިދާޅުވި އެވެ.
"ޖީ ބްލޮކްގައި ކިޔަވަމުން އެބަދޭ 1300 އެއްހާ ދަރިވަރުން. އެ ތަން ހުސްކޮށްފައި ނުކުންނަން ބަލާއިރު މި ހުރިހާ ދަރިވަރުން ވަންނާނެ ތަނެއް، ކޯސްތައް ހިންގާނެ ތަނެއް ނެތް،" އަލީ ވިދާޅުވި އެވެ.
ހަމަ މި ކިޔަނީ ކުރިންވެސް ކީ ލަވައެވެ. ދެން ފެންނަން އޮތް މަންޒަރަށް ބަލަމާތޯ އެވެ. ހަގީގަތުގައިވެސް ބާޖަމާލުއްދީނަކީ ބަޔަކަށް ތައުލީމް ދިނުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ކަމަށް ނުބެލެވެ އެވެ. ގިނަ ދިމަދިމާލުން ފޫގޮސްފައިވާއިރު ބޮލަށް ދަބަރު ފައިބަ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ވަނީ އެއިމާރާތުގެ ފަންގިފިލައިން ތަންގަނޑެއް ވެއްޓިފަ އެވެ. އޭގެ ފަހުން މަރާމާތުތަކެއް ކުރި އެވެ. ނަމަވެސް ބޮޑަށް ފެންނަން ހުރީ "ނުރައްކާ" މަތިން އޮފްލީތަނެވެ. އޭގެ ފަހުން ވެސް އެތައް ބާގަނޑެއް މިއަދުވެސް އެބަ ފެނެއެވެ. އެފަދަ އިމާރާތެއްގެ ތެރޭގައި ތައުލީމް ހާސިލް ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާނެ އެވެ.
ނަމަވެސް ޔުނިވާސިޓީން އެކަމަކާ އެއް ބަހެއް ނުވެއެވެ. ޑެޕިއުޓީ ވައިސް ޗާންސެލާ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑރ. މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ބާވެފައިވާ އިމާރާތެއް ކަމަށް ބުނެ ހުސްކުރުމަށް ޔުނިވާސިޓީއަށް އަންގާފައިވާ ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި އިމާރާތަކީ ނުރައްކާތެރި އިމާރާތެއް ނޫނެވެ. އެބޭފުޅުން ގަބޫލް ކުރާގޮތުގައި ނުރައްކަލެއް ނެތި އެ އިމާރާތުގައި ތައުލީމް ހާސިލް ކުރެވޭނެ އެވެ.
ބާ ޖަމާލުއްދީން ހުސްކުރަން އެދޭ އަނެއް ސަބަބަކަށް ވެފައިވަނީ ޖަމާލުއްދީން ސްކޫލްގެ ހުޅަނގުން އޮންނަ ބިމުގެ އިރުމަތީ ފަރާތުން ޖަމާލުއްދީން ސްކޫލަށް ދޫކޮށްފައިވާ 9000 އަކަފޫޓު ބިމުގެ މައްސަލަ އެވެ. މިއީވެސް ބޮޑު ކޯޅުމަކަށް ގޮސްފައިވާ ކަމެކެވެ. އެތައް ބެލެނިވެރިންނަކާއި އެތައް ދަރިވަރުންނެއް ހޫނުވި ކަމެކެވެ. ގައުމީ ޔުނިވާސީޓީ އާއި ޖަމާލުއްދީން ސްކޫލް މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމުން ދެ ފަރާތުން ވެސް ދޫދޭން ބޭނުން ނުވިއެވެ. އެންމެ ފަހުން ބާ ޖަމާލުއްދީން މައްސަލަ ހައްލު ކުރާނެ ގޮތެއް ކޮމެޓީއަށް ވެސް ނުހޯދުނެވެ.

"ހަގީގަތުގައި މިއީ ވަރަށް ބޮޑު މައްސަލައެއް، ރަށުން މަންމަމެން ގުޅާފަ އެބަބުނޭ ދެން ކިހިނެއްހޭ ކިޔަވަނީ. އެމީހުން ތިބެނީ ވަރަށް ކަންބޮޑުވެފަ. މިއީ ގާނޫނު އަސާސީން ލިބޭ ހައްގެއް ކަމަށްވާ ތައުލީމް ހާސިލް ކުރަމުންދާ ބަޔަކަށް ޖެހެންޖެހޭނެ ހާލެއް ނޫން ދެއްތޯ. އަޅުގަނޑުމެން ބޭނުން ދާއިމީ ހައްލެއް." ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކު ބުންޏެވެ.
އެނގޭހާވެސް އެއްޗަކީ އަވަސް ފިޔަވަޅެއް އަޅަން ޖެހޭ ކަމެވެ. އެއްބަޔަކު އަނެއް ބަޔަކަށް ޒުވާބުކޮށްގެން ދަރިވަރުންނާއި ތައުލީމީ ދާއިރާއަށް އުފަލެއް ނެތެވެ. އެހެން ކަމުން ޔުނިވާސިޓީން ވެސް ސަރުކާރުން ވެސް އެކައްޗެއް ކިޔަންޖެހެއެވެ. އެ ބިން ހުސްކުރަންޖެހޭނަމަ ހުސްކުރަން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. ނުވަތަ އެއިމާރާތް ދާއިމީ ކުރާނަމަ ދެފަރާތުން ގުޅިގެން އިމަރާތުގެ މަރާމާތު މަސައްކަތް ކުރަންޖެހެއެވެ. މިއީ އެތައް ދަރިވަރުންނެއްގެ މުސްތަގުބަލާއި ގުޅިފައިވާ ކަމަކަށްވުމުން އެކަކަށްވުރެ އަނެކަކު އަޑު ގަދަކަން ދައްކަން ތިބެވޭކަށް ނެތެވެ.
އާންމުންގެ ހިތްތަކުގައި ދެން އުފެދޭ ސުވާލަކީ ޔުނިވާސިޓީއަށް އެހެން ބިމެއް ނެތީބާއެވެ؟ ނޫނީ ދީފައިވާ އެހެރަ ބޮޑެތި ބިންތަކުގެ ބޭނުން ހެޔޮގޮތުގައި ނުހިފަނީ ކީއްވެބާއެވެ؟
ރައީސް އޮފީހުގެ އަންޑާ ސެކެޓަރީ ފާއިޒް ވިދާޅުވީ ޔުނިވާސިޓީއަށް އޮފީސް އިމާރާތެއް އެޅުމަށް 15،997 އަކަފޫޓުގެ ބިމަކާއި ފެކަލްޓީ އޮފް ޝަރީޔާ އެންޑް ލޯ ހިންގުމަށް 1،440 އަކަފޫޓުގެ ބިމާއި ލައިބްރަރީއަކަށް 7،998 އަކަފޫޓުގެ ބިމާއި އައިޓީ ބިން ބޮޑުކުރުމަށް 7،790 އަކަފޫޓުގެ ބިމެއް އެކި މަރުހަލާތަކުގައި ދިނުމަށް ނިންމާފައިވާ އިރު ބާ ޖަމާލުއްދީގެ ބަދަލުގައި 3،158 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މިއީ 9،000 އެއްހާ ދަރިވަރުންނަށް ތައުލީމް ހާސިލް ކުރުމަށް އެކަށިގެންވާ ޖާގައެއް ނޫންތޯއެވެ؟
ބިންތައް ދިންކަމަށް ޔުނިވާސިޓީން އެއްބަސްވެއެވެ. ނަމަވެސް ސަބަބުތަކެއް ދައްކައެވެ. ޑެޕިއުޓީ ވައިސް ޗާންސެލާ ހުސެއިން ހަލީމް ވިދާޅުވީ، އެކި މަރުހަލާތަކުގައި ބިންތައް ދީފައިވާ ކަމަށާއި ނަމަވެސް ބިންތައް ދެއްވީ ވަކި ހާއްސަ ޕްރޮޖެކްޓްތަކަކަށް ކަމަށެވެ. އެހެން ކަމުން ޔުނިވާސިޓީން ބޭނުންވާގޮތަށް އިމާރާތް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ބޭނުން ނުކުރެވި އޮތީ އެންމެ ބިމެއް ކަމަށާއި އެއީ ޓޫރިޒަމް ފެކަލްޓީއާ ޖެހިގެން އޮންނަ ބިމެއް ކަމަށާއި އެތަން ބޭނުން ނުކުރެވި އޮތީ އެ ފެކަލްޓީ އިމާރާތް ކުރި ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ބިމެއް ނުދީ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެއަކަސް މިކަމުގައި ބޮޑެތި އިހުމާލްތަކެއްވެއެވެ. ކުއްލިއަކަށް ބާ ޖަމާލުއްދީން ހުސްނުކުރެވޭނެ ކަމަށް ޔުނިވާސިޓީއިން ބުނާއިރު 2005 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އެކަމަށް ދާއިމީ ހައްލެއް ނުހޯދުމުން އެކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގަންޖެހެއެވެ. ހަމައެހެންމެ ސަރުކާރުން އެތަން ހުސްކުރަން ބުނާއިރު އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ހައްގުތައް ހޯދަންޖެހެއެވެ. ބަޔަކު އިހުމާލުވެފައިވާ ނަމަ އެބަޔަކާ މެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅުވެސް އަޅަން ޖެހެއެވެ. ޔުނިވާސިޓީ އާއި ސަރުކާރާ ދެމެދު ޖެހޭ މައްސަލައަކީ ދަރިވަރުންގެ ހައްގު ގެއްލެންޖެހޭ ކަމެއް ނޫނެނެވެ.
ޒަމާންވީ އެ މައްސަލަ، މައްސަލައަކަށް ވަނީ އަދިވެސް ހައްލެއް ނުފެންނާތީ އެވެ. ބޮޑު ދެ ގެރި ތަޅަނީ އެވެ. ބާރު ކުރަނީ ތައުލީމަށް އެދިއެދި ތިބި ދަރިވަރުންނަށެވެ. އެއްބަޔަކު އެތަން ހުސްކުރެވެން ނެތް ކަމަށް ބުނާއިރު އަނެއް ބަޔަކު ބުނަނީ އެތަން ހުސްނުކޮށް ވާކަށް ނޯންނާނެ ކަމަށެވެ. ހައްލު އަވަސް ކުރަންޖެހެއެވެ.