ފަސް މީހުންނާއެކު ގެއްލިގެން ހޯދަމުން ދަނިކޮށް، ބަންޑުން ޖަހާލައި އޮއްވާ ފެނުނު ކޮޅުވެއްޓިން ގެއްލިފައިވާ ތިން މީހުން ފެނުމުގެ ފުރުސަތު އޮތްހާ ހިނދަކު އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނެފި އެވެ.

ކ. ތިލަފުށިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި "ކޮރަލް ކްރާފްޓް" ނަމަކަށް ކިޔާ ކޮޅުވެއްޓި، ގެއްލިގެން ހޯދަމުން ދަނިކޮށް ބ. ގޮއިދޫ ހުޅަނގު ފަރާތު 30 ވަރަކަށް މޭލު ބޭރުން ބަންޑުން ޖަހާލާފައި އޮއްވާ ފެނުނީ މިރޭ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ކަންނެލި މަސްދޯންޏަކަށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮތް ސަރަހައްދުން ކޮޅުވެއްޓީގައި މަސައްކަތްކުރާ ދެ ދިވެހިން ސަލާމަތް ކޮށްފައިވާއިރު، އެ ދެމީހުންނަށް މިހާރު ދަނީ ބ. އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި އެ ކޮޅުވެއްޓީގައި ތިބީ ތިން ދިވެހިންނާއި ދެ ބަންގްލަދޭޝް ރައްޔިތުންނެވެ. އޭގެ ތެރެއިން ސަލާމަތްވެފައިވަނީ ކޮޅުވެއްޓީގެ ކެޕްޓަން ރ. އަލިފުށީ އަބްދުﷲ ރަޝީދާއި ފަޅުވެރިއެއް ކަމަށްވާ ގދ. ގައްދޫ އަބްދުﷲ މޫސާ ކަމަށެވެ. ނަމަވެސް މިހާރު ގެއްލިގެން ހޯދަމުންދާ ތިން މީހުންގެ މައުލޫމާތު އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުހައްމަދު މިރޭ ވިދާޅުވީ، "ގެއްލިގެން ހޯދަމުންދާ މީހުން ފެނުމުގެ ފުރުސަތު ޒީރޯ ވަންދެން އެމީހުން ހޯދުމުގެ މަސައްކަތް ކިތަންމެ ދަންވިޔަސް ކުރިއަށްދާނެ،" ކަމަށެވެ. އަދި އަލިވުމުން ޑައިވިން އަށް ގޮސްގެން ވެސް އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.