11 Feb 2015, 23:29
ހުއްދަ ނުނަގާ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ރާއްޖެއިން ބޭރުވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
"2000 ސޭލްސް މުއައްޒަފުން ތަމްރީނުކުރުން" ޕްރޮގްރާމް ފެށުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ އިރު އެމީހުންގެ ސަބަބުން ރާއްޖޭގެ އާމްދަނީން "ކަންބިޑުވާ މިންވަރަށް" ފައިސާ ބޭރުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 2014 ވަނަ އަހަރުގެ ނިޔަލަށް ޕެންޝަން އޮފީހުގައި 84399 ވަޒީފާ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި އެއީ ދިވެހިން ކަމަށެވެ. އަދި ހުއްދަ ނަގައިގެން މިއަދުގެ ނިޔަލަށް 84694 ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ހުއްދަ ނުނަގާ ގާތްގަނޑަކަށް 35000 ބިދޭސީން މިހާރު ވެސް ވަޒީފާތަކުގައި ހަރަކާތްތެރިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އެ ހުއްދަ ނުނަގާ މަސައްކަތްކުރާ ފަރާތްތަކަށް ބަލާއިރު އެމީހުން މަހަކު ގާތްގަނޑަކަށް 200 ޑޮލަރު މުސާރައެއް ނެގިކަމުގައި ވިޔަސް އަހަރަކަށް 1.2 ބިލިއަން ރުފިޔާ ގެ އާމްދަނީއެއް ދިވެހިރާއްޖޭން ބޭރުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަސް އަހަރުގެ މުއްދަތައް ބަލާނަމަ އެ އަދަދު ހަ ބިލިއަނަށް އަރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ އަދަދަށް ފައިސާ ބޭރުވާނަމަ މިއީ އަޅުގަނޑުމެންނަށް ލިބޭ އެލާމެއް. މިއީ ކަންބޮޑުވާން ޖެހޭ އަދަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާލާއިރު ވެސް އެ ދާއިރާގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރައަށް ވެސް ގާތްގަނޑަކަށް އަހަރެއްގެ ނިސްބަތުން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ރާއްޖެއިން ބޭރުވެގެން ދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ އަދަދުތައް ރާއްޖެއިން ބޭރުވަމުން ދާތީ އެ އަދަދުތައް ތިރިކޮށް، ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރުމަށް ސައިހޮޓާ ތަކާއި ކެފޭ ރެސްޓޯރަންޓު ތަކުގައި ތިބި މުއައްޒަފުން ދިވެހި މުއައްޒަފުންނަށް ބަދަލު ކުރުމަށް މިނިސްޓަރި އެދިވަޑައިގެންނެވި އެވެ.