11 Feb 2015, 22:36
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެންޕިއަންކަން ހޯދި އައިވަރީ ކޯސްޓުގެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ޑޮލަރުގެ އިނާމެއް ދޭން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އެގައުމުގެ ސަރުކާރާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، އައިވަރީ ކޯސްޓުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް 52،000 ޑޮލަރުގެ އަގުހުރި ވިލާ އަކާއި އެ އަދަދަށް ފައިސާގެ އިނާމެއް ދޭން އެގައުމުގެ ރައީސް އަލަސާނީ އަ އުޓަރާ ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ފެޑަރޭޝަނަށާއި ޓީމުގެ ޓެކްނިކަލް ސްޓާފުންނަށް ވެސް ފައިސާގެ އިނާމެއް ދީފައިވާއިރު، އެ ހުރިހާ ކަމަކަށް އެގައުމުގެ ސަރުކާރުން ތިން މިލިއަނަށްވުރެއް ގިނަ ޑޮލަރު ހޭދަކުރާނެ އެވެ.
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރުމަށް ފަހު، ޕެނަލްޓީ ޖަހައިގެން ގާނާގެ މައްޗަށް 8-9 ގެ ނަތީޖާއަކުން ކުރި ހޯދައިގެން އެފްރިކަން ކަޕުގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓު ހޯދިއިރު، މިއީ އެގައުމުން އެފްކޮން މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. ކުރިން އެ ޓީމް އެފްކޮން ކާމިޔާބު ކޮށްފައި ވަނީ 1992 ވަނަ އަހަރު އެވެ.
އެފްކޮން މުބާރާތުގެ ފައިނަލުގައި އައިވަރީ ކޯސްޓާ ވާދަކޮށް ގާނާގެ ޓީމުގެ ކުޅުންތެރިންނަށް ކާމިޔާބު ނުލިބުނު ނަމަވެސް، ގާނާ ނެޝަނަލް ޕެޓްރޯލް ކޯޕަރޭޝަން (ޖީއެންޕީސީ) އިން ވަނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 25000 ޑޮލަރުގެ ފައިސާގެ އިނާމެއްދީފަ އެވެ. ނަމަވެސް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ އެއަދަދަކީ ކުޑަ އަދަދެއް ކަމަށް ވިދާޅުވެފަ އެވެ.