11 Feb 2015, 18:33
ފަސް މީހުންނާއެކު ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ "ކޮރަލް ކްރާފްޓް" ނަމަކަށް ކިޔާ ކޮޅުވެއްޓި، ބަންޑުން ޖަހާލާފައި އޮއްވާ ކަންނެލި މަސްދޯންޏަކަށް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓި ފެނިފައިވަނީ ބ. ގޮއިދޫ ހުޅަނގު ފަރާތު 30 ވަރަކަށް މޭލު ބޭރުން ކަމަށެވެ. އަދި ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮތް ސަރަހައްދުން ދެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްޑިއެފުން ބުނީ، ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވާ ސަރަހައްދުން ފެނިފައިވަނީ ދެ ދިވެހިން ކަމަށެވެ. އަދި ކޮޅުވެއްޓިން ދަތުރުކުރި އަނެއް ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވާ ސަރަހައްދުން ސަލާމަތްކުރި ދެ މީހުން މިހާރު ބ. އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެތަނުން އެކެއްގެ ހާލު ދެރަކަމަށް ވެސް އެފަރާތުން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުހައްމަދު ވިދާޅުވީ، ސަލާމަތްކުރި ދެމީހުންނަށް ބ. އޭދަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް ސަލާމަތްކުރެވިފައިވަނީ ކޮޅުވެއްޓީގެ ކެޕްޓަން ރ. އަލިފުށީ އަބްދުﷲ ރަޝީދާއި ގދ. ގައްދޫ އަބްދުﷲ މޫސާ ކަމަށެވެ.
ކ. ތިލަފުށިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި އެ ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ 10:45 ހާއިރު އެވެ. އަދި ގެއްލުނު އިރު ކޮޅުވެއްޓީގައި ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ ރައްޔިތުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.