13 Feb 2011, 12:53
ލަންޑަން : ބޭރުގެ ހުރިހާ ފަރާތްތަކާއެކު މިސްރުން ސޮއިކޮށްފައިވާ މުޢާހަދާތަކާއި އެއްބަސްވުންތަކަށް އިޙްތިރާމް ކުރާނެ ކަމަށް މިސްރުން ބުނުމުން އިސްރާއީލުން އެކަމަށް މަރްޙަަބާ ކިޔައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވީ އިސްރާއީލުގެ އެންމެ މުހިއްމު ކަމަކީ މިސްރާއެކު ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަށް މިސްރުގެ އާ ލީޑަރޝިޕުން އިޙްތިރާމް ކުރާނެކަން ކަށަވަރުވުމެވެ. މި މުޢާހަދާގެ ސަބަބުން ދެޤައުމަށްވެސް ބޮޑެތި ފައިދާތަކެއްް ލިބިފައިވާ ކަމަށް ވިދާޅުވެ ނަތަނިޔާހޫ ވާހަކަ ދެއްކެވިއެވެ. މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމުގެ ނިޒާމް ރައްޔިތުންގެ އުތުރިއެރުމަކުން މިދިޔަ ހުކުރުދުވަހު ވެއްޓުމާއެކު އިސްރާއީލުވަނީ ކަންބޮޑުވެފައެވެ.
މުބާރަކާއި މުބާރަކްގެ ވެރިކަމުގެ ނިޒާމް މިސްރުގެ ރައްޔިތުންގެ މެދުގައާއި ޢަރަބި އަދި އިސްލާމީ ދުނިޔޭގައި ސިފަވެފައިވަނީ ސަބަބުތަކެއް ހުރެގެން އިސްރާއީލާއެކު ސުލްޙަވެފައިވާ ޤައުމަކަށްވުރެ ބޮޑަށް އިސްރާއީލަށް އަމާންދީގެން އިސްރާއީލުގެ ފާރަވެރިއެއްގެ ގޮތުގައި އިސްރާއީލަށާއި ހުޅަނގުގެ މަސްލަޙަތަށް ޚިދްމަތްކޮށްދޭ ޚުދުމުޚްތާރު ނިޒާމެއްގެ ގޮތުގައެވެ. މުބާރަކް ނިޒާމް ވެއްޓުމުން ވަގުތީ ގޮތުން ވެރިކަމާ ޙަވާލުވި މިސްރުގެ ސިފައިންގެ އެންމެ މަތީ މަޖިލީހުން ނެރުނު ބަޔާނެއްގައި ބޭރުގެ ހުރިހާ ފަރާތްތަކާއެކު މިސްރުން ސޮއިކޮށްފައިވާ މުޢާހަދާތަކާއި އެއްބަސްވުންތަކަށް އިޙްތިރާމް ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް މިސްރު ހަމައަކަށް އެޅި ރައްޔިތުން މިނިވަންކަމާއެކު އިންތިޚާބު ކުރާ ސަރުކާރެއް މިސްރުގައި އުފެދުމުން އިސްރާއީލަށް އަމާންދީގެން އިސްރާއީލުގެ ފާރަވެރިއެއްގެ ގޮތުގައި އިސްރާއީލަށާއި ހުޅަނގުގެ މަސްލަޙަތަށް ޚިދްމަތްކޮށްދޭ ނިޒާމެއް މިސްރުގައި ނޯންނާނެ ކަމަށްމުޙައްލިލުން ދެކެއެވެ.
މމޭރުމުން ވާހަކަ ދެއްކި ނަމަވެސް މިސްރުގައި ދެން އުފެދޭނެ ސަރުކާރަކުން ކަންތައްތައް ކުރާނެ ގޮތްކާމެދު އިސްރާއީލުވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. -- އަލްޖަޒީރާ