ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން އުޅޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ތުހުމަތު ޖޭއެސްސީ އިން ދޮގުކޮށްފި އެވެ.

ޖޭއެސްސީން އެކަން ދޮގުކޮށްފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ބެލުމަށް އެ ކޮމިޝަނުން ހުޅުމާލޭ ކޯޓުގައި ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ރައީސް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ބެލުމަށް ފަނޑިޔާރުންގެ އާ ބެންޗެއް ކަނޑައަޅަން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު އެދިވަޑައިގަތުމުން، އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖޭއެސްސީގެ ވަކީލު ވިދާޅުވީ، ހުޅުމާލޭ ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު އެހެން ދެ ކޯޓެއްގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެ ބެންޗަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ އާއި އަދި އާ ބެންޗެއް ކަނޑައަޅަން ނިންމާފައިވެސް ނުވާތީ އެފަދަ އަމުރެން ނެރެންޖެހޭކަމަށް ނުދެކޭ ކަމަށް ޖޭއެސްސީގެ ވަކީލު ވިދާޅުވި އެވެ.

ޖޭއެސްސީގެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ނަޝީދުގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، އެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު އެހެން ދެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކޮށްފައިވާ ކަމަށް ވިދާޅުވުމަށްފަހު، އެ ބެންޗަށް ބަދަލެއް ގެނެސްފައި ނުވާކަމަށް ވިދާޅުވުމުން ދެއްކި ވާހަކަތައް ރަނގަޅަށް ސާފުނުވާ ކަމަށެވެ.

ވަގުތީ އަމުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ވިދާޅުވީ، ވަގުތީ އަމުރެއް ނުނެރެފިނަމަ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ރައީސް ނަޝީދަށް ލިބުމުގެ އިހުތިމާލު އެބައޮތް ކަމަށެވެ.

ގާނޫނުން ގާއިމްކޮށްފައިވާ ކޯޓެއްގައި އިންސާފުން ޝަރީއަތް ހިންގުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގަކަށް ވާއިރު، ޖޭއެސްސީން އާ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފިނަމަ ގާނޫނު އަސާސީން ލިބިދޭ އެ ހައްގުން ރައީސް ނަޝީދު މަހުރޫމުވެގެން ހިނގައިދާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ފަރުހާދު ރަޝީދު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ވަގުތީ އަމުރާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އެ ދުވަހު އެ މައްސަލައާ މެދު މައުޟޫއީގޮތުން ވާހަކަދެއްކުން އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.