11 Feb 2015, 17:54
ޗޮކްލެޓުގެ ޑިސްކައުންޓުތަކާއި ޕްރޮމޯޝަންތަކާއެކު އެސްޓީއޯއިން ބާއްވަމުން އަންނަ "ޗޮކްލެޓް ވީކް" މިއަހަރުވެސް ފަށައިފި އެވެ.
އެސްޓީއޯ ސުޕަމާޓުގައި މިއަދުން ފެށިގެން މިމަހު 19ގެ ނިޔަލަށް ކުރިއަށްދާ އެ ޗޮކްލެޓް ވީކްގައި އެ މާޓުން ވިއްކާ ޗޮކްލެޓުތަކުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
މިއަދުން ފެށިގެން މިމަހުގެ 19އަށް އެސްޓީއޯ ސުޕަމާޓުން 100 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ލަކީޑްރޯތަކެއް ބާއްވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެތަނުން ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައިވާއިރު އެ ލަކީޑްރޯއަށް ނަސީބުވެރިން ހޮވާނީ ޗޮކްލެޓް ވީކް ނިމުމުން ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އަދި ލަކީޑްރޯގެ ދަށުން ހަތަރު ފަރާތަކަށް "އަގުބޮޑު" ގިފްޓް ޕެކްތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޗޮކްލެޓް ވީކް ކުރިއަށްދާއިރު އެތަނުން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ނަސީބުގެ އަޖުމަބަލަން ބޭނުން ފަރާތްތަކަށް ކޮންމެ ދުވަހަކު 1600 އިން 1800 އަށް ހާއްސަ ހަރަކާތްތަކެއް އޮންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. އަދި އެ ހަރަކާތްތައް 2000 އިން 2200 އަށްވެސް ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މިއަދު ޗޮކްލެޓް ވީކް ފެށި އިރު އެކަމާ ބެހޭ ގޮތުން އެސްޓީއޯގެ ފުޑް އެންޑް ބެވަރޭޖް ޑިޕާޓްމެންޓްގެ ހެޑް ރަމްޒީ އަބޫބަކުރު ވިދާޅުވީ، އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔުމުގައި ވީބީ އާއި ސިމްޑީ އާއި ޔޫރޯ އަދި ޖީއޯޓީ މާކެޓިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.
އެ ޕްރޮމޯޝަންގައި ދުނިޔޭގެ މަޝްހޫރު ޗޮކްލެޓް ބެރޭންޑްތައް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.