ދިވެހި ޕާސްޕޯޓުގެ ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން އޮފިޝަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު ދޭ ފަރާތްތައް އިތުރުކޮށްފި އެވެ.

މި ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިފައިވާ ފަރާތްތަކާއި އަދި އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރުން ފެށިގެން މަތީ މުވައްޒަފުންގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ އެމްބެސެޑަރަށް ސަރުކާރުން ދޫކުރާ އޮފިޝަލް ޕާސްޕޯޓު ލިބޭނެ ކަމަށެވެ.

އޮފިޝަލް ޕާސްޕޯޓު ބޭނުން ކުރެވޭނީ ރަސްމީ ދަތުރުތަކުގަޔާއި އެ ޕާސްޕޯޓު ގެންގުޅޭ ފަރާތެއް ނިސްބަތްވާ މުއައްސަސާގެ ފަރާތުން ފޮނުވައިގެން ހިންގޭ ވާކްޝޮޕް ނުވަތަ ޓުރޭނިން ކޯސް ފަދަ ކަންތައްތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުތަކުގައި އެކަނި ކަމަށް ވެސް އިސްލާހު ކުރި ގަވާއިދުގައި ބުނެފައިވެ އެވެ.

އަދި ހަމައެއާއެކު ކޮންޓްރޯލާ އޮފް އިމިގްރޭޝަންއާ ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަދި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ އަނބިކަނބަލުންނާއި ފިރިކަލުންނަށް ސަރުކާރުން ދޫކުރާ ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބޭނެ ކަމަށެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ އެހެނިހެން އިސް ފަރާތްތަކަށް ލިބޭ ޕާސްޕޯޓެކެވެ.

އޮފިޝަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު ސަރުކާރުން ދޫކުރަމުންދާ އިރު އެ މީހަކު ހުރި މަގާމަކުން ނުވަތަ ވަޒީފާއަކުން ވަކިވެއްޖެ ނަމަ އަނބުރާ އެ ޕާސްޕޯޓެއް އިމިގްރޭޝަނާއި ހަވާލު ކުރަންޖެހެ އެވެ.