މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭ ހިމެނޭ ގޮތަށް ބާއްވާ ދުވުމުގެ ރޭސް، "ރެޑް ބުލް ކެޗް ދަ ފެރީ" އަންނަ މާޗް މަހުގެ 21 ވަނަ ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދުން ފަށަން ހަމަޖެހިފައިވާ އެ ރޭހުގެ ބައިވެރިން އެ ހިސާބުން ވިލިމާލެ ފެރީ ޓާމިނަލްއަށް ގޮސް ވިލިމާލެއަށް ފެރީގައި ދަތުރު ކުރުމަށް ފަހު، ވިލިމާލެ ވަށައި އެއް ބުރު ޖަހަން ޖެހެއެވެ. އަދި އެއަށްފަހު ފެރީގައި ހުޅުމާލެއަށް ދަތުރުކޮށް ހުޅުމާލެ ވަށައި އެއް ބުރު ޖެހުމަށް ފަހު، އަނެއްކާވެސް ފެރީގައި މާލެ އައިސް ރޭހުގެ ބައިވެރިން ރޭސް ނިންމާނީ ރާޅުގަނޑު ސަރަހައްދަށެވެ.

އެ ރޭހުގެ ބައިވެރިން މުޅިއެކު 12.6 ކިލޯމީޓަރު ކަޑައްތު ކުރަން ޖެހޭއިރު، މިދިޔަ އަހަރުވެސް އެ ރޭސް ވަނީ މާލޭގައި ބާއްވާފައެވެ. މިދިޔަ އަހަރުގެ ރޭހުން އެއްވަނަ ހޯދި ފިރިހެން ދުވުންތެރިއަކީ ގދ. ތިނަދޫގެ ހަސަން ފައިހަތު އެވެ. އަދި ރޭހުގެ އެއްވަނަ އަންހެން ދުވުންތެރިއަކަށް ހޮވުނީ ސްރީލަންކާގެ ޕެޓްރީޝިއާ ގޮމޭޒް އެވެ.

މިއަހަރު ބާއްވާ "ރެޑް ބުލް ކެޗް ދަ ފެރީ" ގައިވެސް އަންހެން އަދި ފިރެހެން ޗެންޕިއަނުން ހޮވަން ހަމަޖެހިފައި ވާއިރު، އެ ރޭހުގެ އެއްވަނަ އަންހެން އަދި އެވަނަ ފިރެހެން ދުވުންތެރިޔާއަށް މި އަހަރުގެ މޭ ތިނެއްގައި ޑުބާއީގައި ބާއްވާ "ވިންގްސް ފޯ ލައިފް ވޯލްޑް ރަން"ގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.