މޫސުން ގޯސްވެ، ސައުތު ކޮރެއާގެ ވެރިރަށް ސޯލުގައި މިއަދު 100 ވަރަކަށް ކާރު، އެއްކާރު އަނެއް ކާރު ޖެހި، ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެ، 68 މީހަކަށް އަނިޔާވެއްޖެ އެވެ.

ސީޓީވީ ނިއުސް އިން ބުނީ އަނިޔާވި މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށާއި އަދި އެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުނީ، އެއާޕޯޓުން ވެރިރަށް ސޯލަށް ކަނޑު ހުރަސްކޮށް އަޅާފައިވާ 4،400 މީޓަރުގެ ބްރިޖުމަތީގައި ހިނގި އެކްސިޑެންޓްގައި ހަލާކުވި ކާރުތައް މިހާރު ނަގާފައިވާ ކަމަށެވެ.ކަނޑައެޅިގެން އެކްސިޑެންޓްވީ ކިތައް ކާރު ކަމެއް ފުލުހުންނަކަށް ނޭނގެ އެވެ. ނަމަވެސް ފުލުހުން ބުނީ 100 ވަރަކަށް ކާރު އެކްސިޑެންޓްވި ކަމަށެވެ.


އެ ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. ފޮގާއި އައިސް އަކީ އެކްސިޑެންޓް ހިނގި ސަބަބަބު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކްސިޑެންޓް ހިނގީ ކަނޑައެޅިގެން ކީއްވެގެން ކަން ނޭނގޭ ކަމަށެވެ.

އެ އެކްސިޑެންޓްގައި ކާރެއްގައި އިން 39 އަހަރުގެ ޑްރައިވަރަކު ބުނީ ދުރު ފެންނަ ނިސްބަތް ދަށްކަމުން އޭނާ ކާރު ދުއްވަމުން ދިޔައީ ވަރަށް މަޑުން، ގަޑިއަކު 10 މީޓަރުގެ ބާރުމިނުގައި ކަމަށެވެ.

"އަހަރެންނަށް ފެނުނީ ކުރީ އޮތް ކާރުގެ ބްރޭކް ލައިޓް ޖެހިފައި ހުއްޓައި، ދެން ފެނުނީ ފަހަތު އޮތް ކާރު އައިސް ފަހަތުން ޖެއްސިތަން،" އޭނާ ބުނީ އޭނާ ކާރުގެ އަރިމަތީން ފައިބައިގެން ސަލާމަތްވި ކަމަށެވެ.

ފޮގް މައްސަލާގައި މިއަދު ވަނީ 18 ފްލައިޓެއް ފުރުން ލަސްކުރަން ޖެހިފަ އެވެ.

ދެ ހާސް ހަ ވަނަ އަހަރު ވެސް އެ ބްރިޖު މަތީގައި 29 ކާރު ޖެހި 11 މީހަކު މަރުވެ، 50 މީހަކަށް ވަނީ އަނިޔާވެފައިވެ އެވެ.